ads
ސްޓޯން މޭން
މަގުމަތީގައި ނިދާފައި ތިބި މީހުން މެރި ގާތިލު: ދިހަވަރަކަށް އަހަރުވީއިރު ވެސް ސިއްރެއްގެ ގޮތުގައި
އިންޑިއާގެ ބޮޑެތި ސިޓީތަކުގެ މަގުމަތީގައި ނިދާފައި ތިބޭ ނިކަމެތިންނަށް އަމާޒުކޮށްގެން ހިންގި ބިރުވެރި މަރުތަކަކީ މިއަދާ ހަމައަށް ވެސް ހައްލު ނުކުރެވި އޮތް ބޮޑު ސިއްރެކެވެ. މެންދަމުގެ ހިމޭން ވަގުތުތަކުގައި މަގުމަތީގައި ނިދާފައި ތިބޭ މީހުންނަށް ހަމަލާދީ މަރަމުން ދިޔަ ގޮތް ނޭނގޭ ގާތިލުގެ ސަބަބުން މުޅި ސިޓީތައް ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. އެތައް ދިހަ އަހަރު ވެގެން ދިޔައިރު ވެސް، މި ރަހުމުކުޑަ ގާތިލަކީ ކާކުކަން ހޯދިފައެއް ނުވެ އެވެ.
Advertisement

މި ގޮތްނޭގެ ގާތިލުގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ މުޖުތަމައުގައި ތިބި އެންމެ ނިކަމެތި މީހުންނަށެވެ. މަގުމަތީގައި ސަލާންޖަހަން އުޅޭ މީހުންނާއި، ކުނި ހޮވައިގެން އާމްދަނީ ހޯދާ މީހުންގެ އިތުރުން ބޯހިޔާވަހިކަމެއް ނެތި ޕޭވްމަންޓް މަތީގައި ނިދާ މީހުންނަކީ މި ގާތިލުގެ ޝިކާރައަކަށް ވި މީހުންނެވެ. އޭނާ ހަމަލާ ދިނުމަށް އިހުތިޔާރު ކުރަނީ އަނދިރި، މީހުން މަދު ސަރަހައްދުތަކުގައި އެކަނި ނިދާފައި ތިބޭ މީހުންނަށެވެ.

މި ހާދިސާތަކުގައި އެންމެ ބޮޑަށް އަޅައިގަންނަ އެއް ކަމަކީ ގާތިލު ބޭނުންކުރި ހަތިޔާރެވެ. އެއްވެސް ކަހަލަ ވަޅިއެއް ނުވަތަ ބަޑިއެއް ބޭނުން ކުރުމުގެ ބަދަލުގައި، އޭނާ ބޭނުން ކުރީ ބޮޑެތި ހިލަ ގަނޑުގަނޑާއި ކޮންކްރީޓް ގަނޑުގަނޑެވެ. ގާތްގަނޑަކަށް ތިރީސް ކިލޯގެ ބަރުދަން ހުންނަ މި ހިލަތަކުން ނިދާފައި ތިބޭ މީހުންގެ ބޮލަށް ވައްޓާލައި ފިސްކޮށްލަނީ އެއްވެސް ރަހުމެއް ނެތި އެވެ.

މި މަރުތަކާ ގުޅިގެން ނޫސްތަކުން ވަނީ މި ނޭނގޭ ގާތިލަށް ހާއްސަ ނަމެއް ދީފަ އެވެ. ހިލައިން ހަމަލާދީ މީހުން މަރަމުން ދިޔުމާ ގުޅިގެން މީޑިއާތަކުން އޭނާއަށް ދިން ނަމަކީ "ސްޓޯންމޭން" އެވެ. މި ނަމާއެކު އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދި، ރޭގަނޑު މަގުމައްޗަށް ނުކުމެ އުޅުމަކީ ވެސް ބިރުވެރި ކަމަކަށް ވެގެން ދިޔަ އެވެ.

މި މައްސަލައިގައި ފުލުހުންނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އެއްވެސް ހެއްކެއް ނެތުމެވެ. އެއްވެސް މީހަކަށް މި ގާތިލު ފެނިފައެއް ނުވެ އެވެ. އަދި މި މީހުން މަރަން ޖެހުނު ސަބަބެއް ވެސް ފުލުހުންނަކަށް ނުހޯދުނެވެ. ކުށުގެ ވެށިން ފެންނަން އޮންނަ ހަމައެކަނި އެއްޗަކީ ހަމަލާދޭން ބޭނުންކުރި ބޮޑު ހިލަގަނޑު އެކަންޏެވެ.

މަރުވި މީހުންނަކީ ކޮން ބައެއްކަން ދެނެގަތުމަކީ ވެސް ފުލުހުންނަށް ވަރަށް އުނދަގޫ ކަމަކަށް ވި އެވެ. ގިނަ މީހުންނަކީ އާއިލާއެއް އަދި ރައްޓެހިންނެއް ވެސް ނެތް މީހުންނަށް ވުމުން، މަރުވި ގިނަ މީހުންނަކީ ކާކުކަން ވެސް ނޭނގި ވަނީ ވަޅުލަން ޖެހިފަ އެވެ. މިއީ މި ހާދިސާތަކުގެ ހިތާމަވެރިކަން އިތުރަށް ބޮޑުކޮށްދިން ކަމެކެވެ.

"ސްޓޯންމޭން" ގެ ހަމަލާތައް އެންމެ ފުރަތަމަ ފެށުނީ އިންޑިއާގެ މުމްބާއީ ސިޓީގަ އެވެ. އެގޮތުން ނަވާރަ ސަތޭކަ އައްޑިހަ ފަހަކާއި ނަވާރަ ސަތޭކަ އައްޑިހަ އަށަކާ ދެމެދު މުމްބާއީގައި ބާރަ މީހަކު ވަނީ މިގޮތަށް މަރާލާފަ އެވެ. އެ މަރުތައް ކުއްލިއަކަށް ހުއްޓުނު ނަމަވެސް، އޭގެ ފަހުން ފުލުހުންނަށް އެ މައްސަލަތައް ހައްލު ކުރެވިފައެއް ނުވެ އެވެ.

މުމްބާއީގައި މަރުތައް ހުއްޓުނުތާ މާ ގިނަ ދުވަސްތަކެއް ނުވެ، ނަވާރަ ސަތޭކަ އައްޑިހަ ނުވަ ވަނަ އަހަރު ކޮލްކަޓާ ސިޓީގައި ހަމަ މިފަދަ މަރުތަކެއް ފެށުނެވެ. ކޮލްކަޓާގައި ހަމަ އެ ގޮތަށް މަގުމަތީގައި ނިދާފައި ތިބި ތޭރަ މީހަކު ވަނީ މަރާލާފަ އެވެ. މިއީ މުމްބާއީގައި މީހުން މެރި ގާތިލު ކުރި ކަމެއް ކަމެއް ނުވަތަ އެހެން މީހަކު ކުރި ކަމެއް ކަމެއް ވެސް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ކޮލްކަޓާގެ ފުލުހުން މި މައްސަލަ ތަހުގީގު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. ރޭގަނޑު މަގުމަތި ބެލެހެއްޓުން އިތުރުކޮށް، ޝައްކުކުރެވޭ އެތައް ބަޔަކު ހައްޔަރުކޮށް ސުވާލުކުރި އެވެ. ނަމަވެސް އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތުކުރެވޭ ވަރަށް ހެކި ނުލިބުމުގެ ސަބަބުން، ހައްޔަރުކުރި ހުރިހާ އެންމެން ވެސް ފަހުން ވަނީ ދޫކޮށްލާފަ އެވެ.

މަގުމަތީގައި ނިދާފައި ތިބި މީހުން މެރި މި ރަހުމުކުޑަ ގާތިލުގެ މައްސަލައަކީ މިއަދާ ހަމައަށް ވެސް ހައްލު ނުކުރެވި އޮތް ބޮޑު ސިއްރެކެވެ. ދިހަވަރަކަށް އަހަރު ފާއިތުވެ، އެތައް ޒަމާނެއް ވެގެން ދިޔައިރު ވެސް "ސްޓޯންމޭން" އަކީ ކާކުކަން ނޭނގުމަކީ، އިންޑިއާގެ ތާރީހުގައި ހިނގި އެންމެ ބޮޑު އެއް ޖިނާއީ ހާދިސާގެ ގޮތުގައި ވަނީ ލިޔެވިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;