ads
ހަގީގީ ހާދިސާ: ހަތަރު ރޭގެ ބައްދަލުވުން
ހަގީގީ ހާދިސާ: ހަތަރު ރޭގެ ބައްދަލުވުން
އެމެރިކާގެ ވެސްޓް ވާޖިނިއާގެ ފަރުބަދަމަތީ ހިސާބެއްގައި 1897 ވަނަ އަހަރުގެ ފިނި މޫސުމުގެ ދުވަސްތައް ގުނަމުން ދިޔައެވެ. އެ ހިސާބުގެ މާހައުލަކީ ވަރަށް ހިމޭން އަދި އެހާމެ ފިނިގަދަ މާހައުލެކެވެ. މިއީ އެ ރަށުގެ މީހުންނަށް އާންމު ދިރިއުޅުމެއް ނަމަވެސް، ޒޯނާ ހީސްޓާ ޝޫގެ ދިރިއުޅުން މުޅިން ތަފާތެވެ.
Advertisement

އުމުރުން އެންމެ ތޭވީސް އަހަރުގެ ޒޯނާ އަކީ ރީތި، އަދި އެހާމެ ހަލުވި މިޒާޖެއްގެ ޒުވާނެކެވެ. އޭނާ ވަނީ މާ ގިނަ ދުވަސްތަކެއް ނުވަނީސް، ރަށަށް އަލަށް އައި މީހެއް ކަމަށްވާ އެރަސްމަސް އާ ކައިވެނިކޮށްފަ އެވެ.

އެރަސްމަސް އަކީ ބަލާބެލުމަށް ވަރަށް ހިތްހެޔޮ މީހެއްގެ ގޮތުގައި ފެނުނު ނަމަވެސް، ޒޯނާގެ މަންމަ މޭރީ ޖޭން އަށް އޭނާ ދުވަހަކުވެސް ކަމަކު ނުދިޔައެވެ. މޭރީ އަށް ފުރަތަމަ ދުވަހުން ފެށިގެންވެސް އެރަސްމަސްގެ ކިބައިން ފެނުނީ ނުބައި ސިފަތަކެކެވެ. އޭނާގެ ހަރަކާތްތައް ހުންނަ ގޮތުން މަންމަގެ ހިތުގައި ވަރަށް ގިނަ ޝައްކުތަކެއް އުފެދުނެވެ. ނަމަވެސް ޒޯނާގެ އުފަލަށްޓަކައި މަންމަ ހުރީ އެކަންކަން ހިތުގައި ފޮރުވައިގެންނެވެ. ދެމަފިރިންގެ ދިރިއުޅުން ފެށިގެން ދިޔައީ އާންމު ދިރިއުޅުމެއްގެ ގޮތުގައެވެ.

މި ހިމޭން ދިރިއުޅުމަށް ކުއްލި ސިހުމެއް ގެނުވީ ޖަނަވަރީ މަހުގެ ދުވަހަކު ހިނގި ހިތާމަވެރި ހާދިސާއަކުންނެވެ. ގޭގެ މަސައްކަތެއް ކުރުމަށް އައި ކުޑަ ފިރިހެން ކުއްޖަކަށް، ޒޯނާގެ ގޭގެ ސިޑި މަތީގައި އޭނާ މަރުވެފައި އޮއްވާ ފެނުނެވެ. އެ ކުއްޖާ ބިރުން ގޮސް ރަށު ތެރެއަށް ދުވަމުން ގޮސް މީހުންނަށް މި ހަބަރު ދިނެވެ. މުޅި ރަށަށް ސިހުން ގެނުވި މި ހަބަރާއެކު އެންމެން އެ ދިމާއަށް ދުއްވައިގަތެވެ. އެރަސްމަސް އަށް މި ހަބަރު ލިބުމާއެކު އޭނާ ދުވެފައި އައިސް ޒޯނާގެ ހަށިގަނޑާ ހަވާލުވި އެވެ.

ޒޯނާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށް ދިޔަ ވަގުތު އެރަސްމަސްގެ އަމަލުތައް ހުރީ ވަރަށް އާދަޔާ ހިލާފަށެވެ. އާންމުކޮށް އަންހެނުންގެ ހަށިގަނޑު ހިނަވައި ހަދަނީ އަންހެނުން ނަމަވެސް، އެރަސްމަސް އެކަމަށް ފުރުސަތެއް ނުދިނެވެ. އޭނާ އަމިއްލައަށް ޒޯނާގެ ހަށިގަނޑު ސާފުކޮށް، ކަރު ފޮރުވޭ ގޮތަށް ހުރި ހެދުމެއް ލެއްވިއެވެ. އަދި އޭގެ މަތިން ކަނދުރާގައި ބޮޑު ފޮތިގަނޑެއް އައްސާފައި ބޭއްވިއެވެ. މީހަކު ސުވާލު ކުރުމުން  "މިއީ ޒޯނާ އެންމެ ގަޔާވާ ފޮތިގަނޑު" ކަމަށް ބުންޏެވެ. އެ ހުރިހާ ވަގުތެއްގައިވެސް އޭނާ އިނީ ޒޯނާގެ ބޯ ކައިރީގައި އިށީނދެގެންނެވެ. އެހެން މީހަކަށް އެ ހިސާބަށް ކައިރިވިޔަކަ ނުދިނެވެ.

މީހުންނަށް ކިތަންމެ ބޮޑު ޝައްކެއް އުފެދުނު ނަމަވެސް، އެއްވެސް މީހަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ޒޯނާގެ ހަށިގަނޑު ވަޅުލެވި، އެ ހިތާމަވެރި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނަމަވެސް ޒޯނާގެ މަންމަ މޭރީ ޖޭންގެ ހިތަކަށް ކުޑަވެސް ހަމަޖެހުމެއް ނުލިބުނެވެ. އޭނާގެ ހިތް ބުނަމުން ދިޔައީ ޒޯނާގެ މަރަކީ ގުދުރަތީ މަރެއް ނޫން ކަމަށެވެ. މަންމަގެ ކަރުނަތަކާއެކު، ދަރިފުޅަށް އިންސާފު ހޯދައިދިނުމަށް އެދި ރޭގަނޑު ހޭލާ އިނދެ ދުއާ ކުރަން ފެށިއެވެ. ކޮންމެވެސް ގޮތަކުން ހަގީގަތް ހާމަވުމަށް އެދި އެވެ.

މަންމަގެ މި އާދޭސްތަކަށް ޖަވާބު ލިބުނީ ވަރަށް ބިރުވެރި އަދި އެހާމެ އާދަޔާ ހިލާފު ގޮތަކަށެވެ. ޒޯނާ މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. މޭރީ ޖޭން ނިދާފައި އޮއްވާ ކުއްޖަކު ގޮވާލިހެން ހީވެގެން ހޭލެވުނެވެ. ކޮޓަރިތެރެއިން ފެނުނީ އާދަޔާ ހިލާފު އަލިކަމެކެވެ. އެ އަލިކަމުގެ ތެރެއިން ސިފަވަމުން އައީ އޭނާގެ ލޯބިވާ ދަރިފުޅު ޒޯނާގެ ސޫރައެވެ. މަންމަ އަށް ފެންނަމުން ދިޔަ މަންޒަރު ގަބޫލުކުރަންވެސް ދަތިވިއެވެ. ޒޯނާގެ ރޫހު މަންމަ އާ ވާހަކަ ދައްކަން ފެށި އެވެ.

ވިދިވިދިގެން ހަތަރު ރޭ ވަންދެން ޒޯނާގެ ރޫހު މަންމަ އަށް ފެނުނެވެ. ކޮންމެ ރެއަކުވެސް އައިސް ކިޔައިދެމުން ދިޔައީ އެރަސްމަސް އޭނާއަށް ކުރި އަނިޔާތަކުގެ ވާހަކައެވެ. އެންމެ ފަހު ރޭ ޒޯނާ ކިޔައިދިނީ އޭނާ މަރުވި ދުވަހުގެ ހާދިސާއެވެ. ކާން ހެދި އެއްޗަކާ މެދު ހިތްހަމަނުޖެހިގެން ފެށުނު ދެބަސްވުމެއްގެ ތެރެއިން، އެރަސްމަސް އައި ރުޅީގައި ޒޯނާގެ ކަރުގައި ހިފައި އޭނާގެ ކަނދުރާ ބިންދާލީއެވެ. މިހެން ބުނުމަށްފަހު، ޒޯނާގެ ރޫހުގެ ބޯ ފަހަތަށް އެނބުރިގެން ދިޔަ މަންޒަރު މަންމަ އަށް ސާފުކޮށް ފެނުނެވެ. މިއީ މަންމަ އަށް ލިބުނު ވަރަށް ބޮޑު ޔަގީންކަމެކެވެ.

ހަތަރު ރޭގެ ބައްދަލުވުމަށްފަހު، މޭރީ ޖޭން އަށް ހިތްވަރު ލިބުނެވެ. އޭނާ ސީދާ ދިޔައީ ރަށުގެ ގާޒީ އަދި ތަހުގީގު ކުރާ އިސް ފަރާތްތަކުގެ ގާތަށެވެ. އަދި އޭނާއަށް ފެނުނު ކަންތައްތައް އެއްވެސް ޖެހިލުމެއް ނެތި ކިޔައިދިނެވެ. ފުރަތަމަ އެއްވެސް މީހަކު މި ވާހަކަ ގަބޫލެއް ނުކުރި އެވެ. ރޫހެއް އައިސް ވާހަކަ ދެއްކި ކަމަށް ބުނުމުން އެއީ މޮޔަ ވާހަކައެއް ކަމަށް ބުންޏެވެ. ނަމަވެސް މޭރީ ޖޭން ތަކުރާރުކޮށް އާދޭސްކޮށް، ކަށުކަމާކެމީގެ ތެރޭގައި އެރަސްމަސް އުޅުނު ގޮތުގެ ވާހަކަ ހަނދާންކޮށްދިނުމުން، މައްސަލަ އަލުން ބެލުމަށް ކަމާބެހޭ ފަރާތްތަކުން ނިންމި އެވެ.

ކަމާބެހޭ ފަރާތްތަކުން ގަބުރުސްތާނަށް ގޮސް، އޭނާގެ ހަށިގަނޑު ކޮނެގެން ނެގިއެވެ. މި މަންޒަރު ބަލަން މުޅި ރަށުގެ މީހުން އެއްވެ ތިއްބެވެ. އެރަސްމަސްވެސް އެތާ ހުއްޓެވެ. އޭނާގެ މޫނުމަތިން ބިރުވެރިކަން ފެންނަން ހުއްޓެވެ. ޑޮކްޓަރުން ޒޯނާގެ ހަށިގަނޑު ތަހުލީލު ކުރަން ފެށިއެވެ. ބެލިބެލުމުން ހައިރާންކުރުވަނިވި ނަތީޖާއެއް ފެނުނެވެ. ޒޯނާގެ މަންމަ ބުނި ފަދައިން، އޭނާގެ ކަނދުރާގެ ކަށިގަނޑު އޮތީ ބިންދައިގެން ގޮސްފަ އެވެ. އަދި ނޭވާލާ ހޮޅިވެސް އޮތީ ފިތިފައެވެ. މިއީ ސީދާ މީހަކު ގަސްތުގައި ކޮށްފައިވާ ކަމެއްކަން ޔަގީންވި އެވެ.

މި ހެކިތަކާއެކު ވަގުތުން އެރަސްމަސް ހައްޔަރު ކުރެވުނެވެ. އޭނާގެ މައްޗަށް މީހަކު މެރިކަމުގެ ދައުވާ އުފުލި، ޝަރީއަތް ފެށުނެވެ. ޝަރީއަތުގެ މަޖިލީހުގައި ޒޯނާގެ މަންމަ ވަނީ އޭނާއަށް ފެނުނު ރޫހުގެ ވާހަކަ ތަފްސީލުކޮށް ކިޔައިދީފަ އެވެ. ދިފާއީ ވަކީލުން މަންމަގެ ވާހަކަތައް ދޮގުކުރަން މަސައްކަތް ކުރި ނަމަވެސް، ޑޮކްޓަރުންގެ ރިޕޯޓާއި މަންމަގެ ވާހަކަތައް ދިމާވާތީ، ޖޫރީންނަށް ގޮތް ނިންމަން ފަސޭހަވި އެވެ. އެންމެ ފަހުން އެރަސްމަސް އަކީ ގާތިލެއް ކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އެވެ.

މި ހާދިސާ ވެގެން ދިޔައީ އެމެރިކާގެ ތާރީހުގައިވެސް އެންމެ މަޝްހޫރު އަދި އެންމެ އާދަޔާ ހިލާފު އެއް ހާދިސާއަށެވެ. މަރުވެފައިވާ މީހެއްގެ ރޫހު އައިސް ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް، މައްސަލައެއް އަލުން ތަހުގީގުކޮށް ގާތިލަކަށް ހުކުމް ކުރެވުނު މިއީ ހަމައެކަނި ފަހަރެވެ. ވެސްޓް ވާޖިނިއާގެ މި ރަށުގައި މިއަދުވެސް ޒޯނާގެ ހަނދާނުގައި ހަދާފައިވާ ބިނާއެއް ހުރެއެވެ. އެ ބިނާގައި ލިޔެފައިވާ ލިޔުމުން، ހަތަރު ރޭގެ ބައްދަލުވުމުން ހޯދި އިންސާފުގެ ވާހަކަ އަންނަން އޮތް ޖީލުތަކަށް ކިޔައިދެމުން ދެއެވެ. ހަގީގަތަކީ ކިތަންމެ ފުންމިނެއްގައި ފޮރުވި ނަމަވެސް، ކޮންމެވެސް ދުވަހަކުން ފާޅުވާނެކަން މި ހާދިސާއިން ސާބިތުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;