އޭނާގެ އަޑުގައި އެކުލެވިގެންވީ މަސްތީކަން އަހަރެންގެ ކޯތާފަތުން ހޫނުކަން ހިލުވައިލި އެވެ. އިސްޖަހައިލާން މަޖުބޫރުވިޔަސް، ލަދުވެތިކަމާއެކު މާލިކްއާއި ދިމާއަށް ބަލައިލީމެވެ. އޭނާގެ ލޯ އަމާޒުވެފައި ވަނީ އަހަރެންގެ ތުންފަތާއި ދިމާއަށްކަން ޔަގީނެވެ.
"ކައިރާ" ވައި އަޑުން ނުހަނު މަޑުމަޑުން އަހަރެންގެ ނަން ދުލުން ބޭރުވި އެވެ.
ހޫމްމމ އަޅުވައިލުން ފިޔަވައި އިތުރަށް ގެންނާނެ ހަރަކާތެއް ނުވިސްނުނެވެ.
"އިންތިޒާރު ކުރާން ޖެހުނަސް، އިންކާރެއް ނުކުރާނަން ދޯ"
"އިން ޝާ ﷲ ޔަގީން" އުމުރަށް މަޑުކުރާން ޖެހުނަސް އަހަރެން ތައްޔާރެވެ.
މަޑު ހިނގުމުގައި ގާތްވެލާފައި އަހަރެންގެ ދަތްދޮޅީގައި މަޑުމަޑުން ހިފާލާފައި މައްޗަށް އުފުލައިލި އެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވަނީ ކަމަށް އަހަރެންގެ މުޅި ހަށިގަނޑުގެ ހިއްސުތަށް ސިގުނަލް ކުރިޔަސް، އެކަމެއް ނުވި އެވެ. މާލިކްގެ ނަޒަރު ހުއްޓިފައި ވަނީ އަހަރެންގެ ތުންފަތަށެވެ.
ދެ ލޯ މަރައިލީމެވެ.
އެ އިހްސާސާއި އެ ފޮނި މީރުކަން ފުރަތަމަ ފަހަރަށް ތަޖުރިބާ ކުރުމަށް އަހަރެންގެ ހިތާއި ހަށިގަނޑުގެ އެންމެ ހިމަ ނާރުވެސް އާދޭސްކުރާތީ އެވެ.
ނަމަވެސް ލިބުނީ ސިހުމެކެވެ. ވެރިވީ މާޔޫސްކަމެވެ.
ދެމީހުންގެ ނޭވާގެ ހޫނުކަން އިހްސާސްވި ވަގުތު މާލިކްގެ ތުންފަތް ޖައްސައި ފިއްތާލީ އަހަރެންގެ ނިއްކުރީގައި އެވެ. މިފަހަރު އެސްފިޔަތަށް ލައްޕައިލެވުނީ ދަތްކުނޑި ވިކާލާފައިކަން އެނގުނީ ކޯ ކަށިގަނޑަށް ތަދުވުމުންނެވެ.
ލިބުނު ޝޮކްގައި ހުއްޓުން އަރާފައި ހުރެވުނީ އެވެ.
ލިބުނު ހައިރާންކަން އަހަރެންގެ ނިއްކުރިއަށް ރޫ އަރުވައިލި އެވެ. ހަމަ އެވަގުތު މާލިކްގެ ބާރުގަދަ ދެ އަތުގެ ތެރޭގައި އަހަރެންގެ ހަށިގަނޑު ބޮނޑިކޮށްލައިފި އެވެ.
މާލިކް ހިނިއައިކަން އެނގުނީ އޭނާގެ މޭ 'ވައިބްރޭޓް' ވިކަން އިހްސާސްވުމުންނެވެ. ނުހަނު ލޯބިން ބައްދާލުމަށްފަހު އޭނާގެ ދެ އަތް މަތީގައި އަހަރެން އުފުލާލި އެވެ.
ސޯފާގައި ހަމަޖެހިލަމުން އުނގުމަތީގައި ބައިންދާލީ ފަރުވާތެރިކަމާއެކު އެވެ.
ދުނިޔޭގައި މިއަށްވުރެން އަމާން ޖާގައެއް އަހަންނަށްޓަކައި ލައްވާފައި ނުވާކަމަށް މިވަގުތުގައި އަހަރެން އިއުތިރާފްވަމެވެ. އޭނާގެ މޭގައި ބޮނޑިވެލީ މި އަމާންކަން ދުވަހަކުވެސް އަހަރެންގެ ކިބައިން ނިގުޅައިނުގަތުމަށް ހަޒްތަރުގައި ދަންނަވަމުންނެވެ.
ހިނދުކޮޅެއްގެ ފަހެވެ.
ދެ ލޯ އުނގުޅަމުން ބީނިޝް ނިކުމެގެން އަންނަތަން ފެނުނެވެ. ދެ ކޯ ފުއްޕާލާފައި ހުރެގެން އައިސް ހުއްޓިފައި މާލިކްގެ ފައިގައި ކޮއްޓާލި އެވެ.
"އޫޕްސް... ގުޑްމޯނިންގ ކަޕްކޭކް" މާލިކްގެ ސަމާސާ ކުރުން ބީނިޝްއަށް ވަރަށް ކަމުދާތީ، އެކަމަށް މާލިކް ސަމާލުކަން ދޭކަން މި ނޫނަސް އަހަރެން ފާހަގަކުރަމެވެ.
"ނޯ ގުޑް މޯނިންގ.. ޔޫ ލީވް މީ އެލޯން އިން ރޫމް" ލޯބި ޝަކުވާއެކެވެ.
މާލިކް، ބީނިޝް އުފުލާލާފައި އަހަރެންގެ އުނގުތެރެއަށް ލައިފި އެވެ. ހޭވިފައިވާ އިސްތަށިގަނޑު ރަގަޅުކޮށްލާފައި، މޫނުމައްޗަށް ހުރަސް އެޅެމުންދިޔަ އިސްތަށިތައް ބީނިޝްގެ ކަންފަތް ކައިރިއަށް މާލިކް ލައްވައިލި އެވެ.
"ކަޕްކޭކް އޮތީ ނިދާފަ.. އެހެންވެ...
"ނޯ ދެޓް ނޮޓް ރައިޓް!" މާލިކްގެ ޖުމުލަ ނިންމާން ފުރުސަތު ނުދީ ބީނިޝް ބުނެލި އެވެ.
އަދި އަހަރެންގެ އުނގުގެ ތެރޭގައި ބޮނޑިވެލާފައި ހަމަޖެހިލި އެވެ.
"ޕާކަށް ދާނަން..؟" ކުއްލިޔަކަށް މާލިކް އަހައިލި އެވެ. ފުންމައިގެން ބީނިޝް ތެދުވެ، އޭނާގެ ބޮޑު ދެ ލޮލުން އުފަލުގެ ވިދުވަރު ދައްކައިލި އެވެ. މާ ޝާ ﷲއެވެ. ކުޑަކުޑަ ދަރިފުޅުގެ ލޯބިކަމާ އެވެ.
"ޔެސް، ލެޓްސް ގޯ" އަތްތިލަބަޑި ޖަހައިލާފައި ބީނިޝް ބުނެލި އެވެ.
އެނބުރި އަލުން މިއަދު އޮފީހަށް އަންނާން ނުޖެހޭނެ ގޮތަށް ކަންކަން ހަމަޖައްސައިލުމަށްފަހު ބޭރަށް ދިއުމަށް މާލިކް ތައްޔާރުވި އެވެ.
މިއީ ހަވީރުގެ އެންމެ ހިތްގައިމު ވަގުތެވެ.
ގެއިން ބޭރަށް ކުދިން ނެރިލައިގެން އެކުދިންނާއެކު ވަގުތު ހޭދަކޮށްލުމަށް ލޯބިކުރާ ކިތަންމެ ބެލެނިވެރިޔަކު، ދަރިންނާއެކު ކުޑަކުދިންގެ ބަގީޗާގައި ހަރަކާތްތެރިވި އެވެ. އަހަރެންގެ އަތުގައި ހިފާލައިގެން މާލިކްވެސް ވަރަށް ހިތްގައިމު ހިނގުމެއްގައި ބީނިޝްގެ ފަހަތުން ހިނގަމުންދިޔަ އެވެ.
ބީނިޝް ބޭނުން ކޮންމެ އެއްޗަކަށް އެރުމުގެ ހުއްދަ މާލިކް އޭނާއަށް ދިނެވެ. ބޭނުން ވަރަކަށް ދުވަންވީ އެވެ. ވެއްޓުނީމައި ތެދުވެފައި އަނެއްކާވެސް ދުވެލަންވީ އެވެ.
ކުދިންގެ ވިނިވަންކަމުގެ އުފަލަކީ މިއީކަން އަހަންނަށްވެސް ވިސްނެ އެވެ. ނަމަވެސް އަމިއްލަ ނަފުސުގެ އިތުބާރާއި މާޒީ އިން ލިބުނު އަމިއްލަ ތަޖުރިބާގެ ސަބަބުން، މިކަހަލަ ތަންތަނާއި އަހަރެންނާއި ދެމެދު މާ ގާތްކަމެއް ބޭއްވުމަށް ފުރުސަތު ލިބިފައެއް ނެތެވެ.
ހިތް ބިރުގަންނާތީ އެވެ. ކުރިމަތިވެދާނެ ނުރައްކަލެއް ނުވަތަ ދިމާވެދާނެ ބިރުވެރިކަމަކަށް ތައްޔާރުވާންވެސް އަހަރެންގެ ޒަމީރު ފަހަތަށް ޖެހެނީ އެވެ.
ފަސް ގަޑި ބައިވުމުގެ ކުރިން ގެއަށް އައީ މެވެ. ބޭބެއާއި ބޭބެގެ 'ބައިވެރިޔާ' ސަންދަލްވެސް ގޭގައި އުޅޭ ވަގުތެއް ކަމަށްވާތީ އަހަރުމެންގެ ގޭގައި ފަޅުކަމެއް ނެތެވެ. ސައިބޯ އެއްޗެހި ގަނެގެން ސައި ހަދާފައި ހުރީ އަހަރުމެންވެސް ހިމަނައިގެންނެވެ.
"އަހަރެންނާއެކު ކައިރާ އާދެބަލަ!" މޭޒުކައިރިން ގޮނޑި ދުރަށްޖައްސާލާފައި އިށީނުމުގެ ކުރީން އަހަރެންގެ އަތުގައި ބޭބެ ހިފައިފި އެވެ.
"ކަމެއް ވީތަ ބޭބޭ؟" ޖެހިލުންވުމާއެކު ސުވާލުކުރެވުނެވެ.
ގެންގޮސް ވެއްދީ ބޭބެގެ ކޮޓަރިއަށެވެ.
"ކައިރާގެ ހާލު ކިހިނެއް؟" ސީރިއަށް ސުވާލަކުން ބޭބެގެ އަޑު އަހަރެންގެ ހިތާއި ހަމައަށް ފޯރައިފި އެވެ. ހަމަޖެހިލުމަށްފަހު ބޭބެއާއި ގާތްވެލާފައި ކޮނޑުގައި ބޯ އަޅާއިލީމެވެ.
"އަލްހަމްދު ލިއްލާހި.. ރަގަޅު.. މިވަގުތު ހަމަ ވަރަށް ރަގަޅު" އަހަރެންގެ އިހްސާސްތަކަށް އިހްތިރާމްކުރަމުން ތެދު ހެދީމެވެ.
"ބޭބެއަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ބީނިޝްއާއިއެކު ކައިރާ އުފަލުގައި އުޅުން.. ދެމީހުންގެ މޫނުމަތީން މިހާރު ތިފެންނަ ހިނިތުންވުމާއި އުފާވެރިކަން މީގެކުރީން ދުވަހަކުވެސް ނުދެކެން.." އަހަރެންގެ އަތުގައި ފިރުމާލާފައި ބޭބެ ބުންޏެވެ.
''މާލިކްއާއެކު ހޭދަކުރާ ވަގުތުތަކުގައި ބީނިޝްގެ ދެ ލޮލަށް ބޭބެ ބަލައިލިންތަ؟ ދެ ލޯ ބަބުޅާލާއިރު ހީވަނީ އެއީ ފިލްމީ މަންޒަރެއްހެން.." ހިނިތުންވަމުން ބުނީމެވެ.
"ބީނިޝް އެކަންޏެއް ނޫން.. މާލިކްގެ ހާޒިރުގައިވިއްޔާ ކައިރާގެ ހިނިތުންވެސް އެހައި ފުރިހަމަ.."
ހޫމްމްމ ލައްވައިލުން ފިޔަވައި އެ ބުނިބުނުމަށް އަހަރެން ބުނާނެ އެއްޗެއް ނުވިސްނުނެވެ.
"ފިނޑި، ބަލިކަށި، އަދި ޖަޒްބާތީ އެ އިންސާނާއަށްވެސް ދުނިޔޭން އުފަލެން ހާސިލްކުރާން ދަސްވެއްޖެ! ޝުކުރު ކުރަން، އަމިއްލަ ނަފުސަށް ފައިދާއެއް ކުރާނެ ނިންމުމެއް ނިންމީތީ.." ބޭބެގެ އެ ބުނެލުމުގައި ފިނޑިކަމާއި ބަލިކަށިކަން އެ ނިސްބަތްކުރީ މާލިކްއަށް ކަމާއިމެދު ސުވާލު އުފެދުނެވެ. އެކަމަކު ޔަގީން ކުރުން ނޫން ގޮތެއް ނެތެވެ.
"ފިނޑިކަމާއި، ބަލިކަށިކަން..؟ މާލިކް..؟" ސުވާލު ނުހިފެހެއްޓިގެން ދުލުން ބޭރުވީ އެވެ.
"ޔަޕް! ޖިރާފަކަށް ވުރެން އިސްކޮޅުން ދިގަސް، ފަރުބަދައަކަށް ވުރެން ބާރުގަދަ މަގާމުތަކެއް ފުރަމުން ދިއަޔަސް އެއީހަމަ ވަރަށް ފިނޑި ބަލިކަށި އިންސާނެއް..! އެއީ ނާޒުކު އިންސާނެއް..! ވަރަށް އަވަހަށް ހިތްދަތިވާނެ.. އޭނާގެ އިހްސާސްތަކުގެ މައްޗަށް އޭނާއަށް ބާރެއް ނުފޯރުވޭނެ.. ގަދަފަދަކަން ދައްކައިގެން އުޅޭމިންވަރަށް ވުރެން މާ ބަލިކަށިވެފައި ހިތް ބަލި ވާނެ.." ބޭބެގެ އެ ތަފްސީލާއެކު އަހަރެންގެ މޫނުގެ ކުލަ ބަދަލުވެގެންދިޔަކަން އިނގޭނެ އެވެ.
"އެހެން މީހުންނަށް އޭނާގެ ގަދަފަދަކަމާއި ހިނިތުންވުމާއި އުފާވެރި މޫނު ދައްކައިގެން އުޅުނަސް، ވަރަށް ޖަޒްބާތީ މީހެއް މާލިކް އަކީ" އިތުރަށްވެސް ބޭބެ ބުނެދިނެވެ.
"ހޫމްމްމްމ.. ކޮންމެވެސް ވަރަކަށް ތިކަންކަން ފާހަގަކުރެވިފައި ހުރީ.." ފެނިފައިވާ މަންޒަރުތަކާއި އަހަރެންގެ ތަޖުރިބާއިން އެއްބަސްވީމެވެ.
"ހަދިޔާއެއް އެބަ އޮތް.. ބޭނުން؟" ކުއްލިޔަކަށް ބޭބެ ބުންޏެވެ.
"ކޯންޗެއް؟" އަހަރެންނަށް ހަދިޔާ ދިނުމަށް މާބޮޑަށް ހަރަދު ނުކުރުމަށް ކުރިންވެސް ބޭބެ ގާތުގައި ވާނީ ބުނެފަ އެވެ.
"ބީނިޝްޝޝޝ.." ނިކަން ބާރަށް ބޭބެ ގޮވައިލި އެވެ.
"ކަމިންގގގގގ" ނުހަނު ލޯބިކޮށް ބުނެލި އަޑު ދާދި ގާތުން އިވުނެވެ.
ކުކުރަމުން ކުކުރަމުން ނުހަނު އުނދަގުލުން، ކޮޓަރީގެ ދޮރުގެ ހުޅުވިފައި އިން ދޭތެރެއިން އެތެރެއަށް ބީނިޝް ދެމިގަތެވެ. އަތުގައި އޮތް ޕާރުސަލް ބީނިޝްއަށްވުރެން މާބޮޑެވެ. (ނުނިމޭ)
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;