އެ ފުލުހުންނަށް މަގާމުގެ ކުރިއެެރުން ދިނުމަށް އިސްކަންދަރު ބިލްޑިންގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ފުލުހުންގެ ތެރެއިން މަގާމުގެ ކުރިއެރުން ލިބުނު 166 ފުލުހުންގެ ތެރޭގައި ހިމެނެނީ، ސީނިއާ ސާޖަންޓް ރޭންކުން ސަބް އިންސްޕެކްޓާ ރޭންކަށް ކުރިއެރުން ލިބުނު 35 ފުލުހުންނާއި، ސާޖަންޓް ރޭންކުން ސީނިއާ ސަރޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 121 ފުލުހުންނާއި، ކޮންސްޓަބަލް ރޭންކުން ސާޖަންޓް ރޭންކަށް ކުރިއެރުން ލިބުނު 10 ފުލުހުންނެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު ވިދާޅުވީ ރޭންކެއް ބަދަލުވެގެން ދިއުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށާއި އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އިލްތިމާސްކުރައްވާފަ އެވެ.
ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒްކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;