މި ފޯރަމް ކުރިއަށް ދާނީ، މިމަހުގެ 23އިން 25އަށް ބާސެލޯސް ނަސަންދުރާ މާލެ ހޮޓެލްގަ އެވެ.
މިއަހަރުގެ ފޯރަމްގައި 30 އަށްވުރެ ގިނަ ޤައުމުތަކުގެ ސަރުކާރުތަކުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ވިޔަފާރިވެރިންގެ ޖަމިއްޔާތަކާއި، އިންވެސްޓަރުންނާއި، މަދަނީ ޖަމިއްޔާތަކާއި، ޢިލްމީ އަދި ދިރާސާކުރާ ފަރާތްތައް ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިފޯރަމްގައި 200 އަށްވުރެ ގިނަ ފަރާތުން ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ.
މިއަހަރުގެ ފޯރަމްގައި 5 ޕެނަލްއަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްއަކާއި، އިންވެސްޓްމަންޓު ޝޯކޭސްތަކެއްގެ އިތުރުން ނެޓްވޯކިން ފުރުސަތުތައް ހިމެނިފައި ވެއެވެ. މީގެއިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ މާކެޓްޕްލޭސްގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، އެޤައުމުތަކުގެ ސަރުކާރުތަކާއި، އެހީދޭ ފަރާތްތަކުގެ ތެރެއިން 15 ބައިވެރިންގެ މަސައްކަތްތަކާއި އުފެއްދުންތައް ދައްކާލަން ބަހައްޓާފައި ހުންނާނެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ގްލޯބަލް ބިޒްނަސް ނެޓްވަރކް ފޯރަމުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށްވިނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަކީ އެ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ތަރައްގީގެ ފުރުސަތުތަކަށް ބަދަލުކުރަމުން އަންނަ ގައުމުތައް ކަމަށެވެ.
އެގޮތުން، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަކީ މިފަދަ ގައުމުތަކުގެ އިގްތިސާދުގެ އިންޖީނު ކަމަށާއި އެފަދަ ވިޔަފާރިތަކުގެ ހިޔާލުތައް ތަރައްގީކުރެވޭނެފަދަ މާހައުލެއް ގާއިމުކޮށް، ބައިނަލްއަގުވާމީ މާކެޓަށް ވަނުމުގެ ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއެކު ދެމެހެއްޓެނިވި ހިޔާލުތައް ހަގީގަތަކަށް ހަދައި، ވިޔަފާރިތައް ކުރިއެރުވުމަށް ސިޔާސަތުތައް އެކުލަވާލާއި، މާލީ އެހީތެރިކަމާއި އިންފްރާސްޓްރަކްޗަރ ގާއިމުކޮށްދެއްވާނެ ކަމަށެވެ.
ރާއްޖޭގައި ބާއްވާ މި ފަދަ ހަރަކާތްތަކަށް އަލިއަޅުއްވާލައްވަމުން އެ މަނިކުފާނު ވަނީ، ޒުވާން ވިޔަފާރިވެރިންނާއި އަންހެނުން އިސްވެ ކުރާ ވިޔަފާރިތަކަށް ސަމާލުކަންދީގެން، މާލީ އެހީތެރިކަން މިހާރު ވެސް ފޯރުކޮށްދެމުންދާކަން ފާހަގަކުރައްވާފަ އެވެ.
ފޮރިން އިންވެސްޓްމަންޓް ގާނޫނާއި 2027ގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ޓްރޭޑް އެކްސެލެރޭޝަން ޒޯނަށް އިޝާރާތްކުރައްވައި، ރައީސް ވަނީ ލޮޖިސްޓިކްސް އަދި ފްލޯޓިން ސޯލާގެ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.
އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޖަޒީރާ ގައުމުތަކުގެ އުންމީދީ ޚިޔާލުތަކާއި ވިޔަފާރިތަކާއި މާލީ އެހީތެރިކަމާއި ފަންނިއްޔާތާއި ބައިވެރިންނާއި ބާޒާރުތަކާ ގުޅުވައިދޭ މަރުކަޒީ މަންސައެއްގެ ގޮތުގައި ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ތަރައްގީކުރުމަށް ގޮވާލައްވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;