ads
މޫސާ އިބްރާހީމް އަދި އޭނާ މަރާލިކުށް ސާބިތުވި ގާތިލް މުހައްމަދު އިބްރާހީމް
މޫސާ އިބްރާހީމްގެ ގާތިލް މުހައްމަދު އިބްރާހީމް މަރަން ހުކުމްކޮށްފި
މޫސާ އިބްރާހީމްގެ ގާތިލް މުހައްމަދު އިބްރާހީމް މަރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

އުމުރުން 29 އަހަރުގެ މޫސާ އިބްރާހިމަށް ވަޅިން ހަމަލާދީ މަރާލާފައި ވަނީ 2028 ޖުލައި 28 ގައެވެ. އޭނާ މަރުވީ ލ. މާވަށު ވޮލީ ކޯޓް ކައިރީ ހުއްޓާ ފަހަތުން އައިސް ނޭނގި ކަރަށް ވަޅިން ހަމަލާދިނުމުގެ ސަބަބުން ނެވެ. 

މި މައްސަލާގައި ދައުލަތުން މުހައްމަދު އިބްރާހިމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މަޤްބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާތަކަށް މުހައްމަދު އިބްރާހިމް އިއުތިރާފްވެ ދައުލަތާއި އެކު ވަނީ އެއްބަސްވުމެއް ހަދާފަ އެވެ. އަދި އޭނާވަނީ ވީހާވެސް ލުއި އަދަބެއް ދިނުމަށް އެދިފަ އެވެ. 

ބޭނުމީ ދަރިފުޅުގެ މަރަށް މަރު 

މި މައްސަލާގައި މޫސާ އިބްރާހިމްގެ މައިން ބަފައިން ވަނީ ކޯޓަށް ހާޒިރުކޮށް ވާރިސުންގެ ބަސް ވަނީ ނަގާފަ އެވެ. އެގޮތުން މުސާ އިބްރާހިމްގެ މަންމަ އަދި ބައްޕަވެސް ބުނެފައިވަނީ ބޭނުންވަނީ ދަރިފުޅުގެ މަރަށް މަރުކަމަށެ ވެ. 

މައްސަލެ ޖެހި ވަޅި ހެރީ 500 ރުފިޔާގެ ޑްރަގުގެ މައްސަލާގައި 

މި މައްސަލާގައި ކޯޓުގައި ވާހަކަ ދައްކަމުން މުހައްމަދު އިބްރާހިމް ބުނެފައިވަނީ އޭނާ އާއި މޫސާ އިބްރާހިމާއި ދެމެދު ޖެހުނީ 500 ރުފިޔާއާ ގުޅޭ މަސްތުވާތަކެތީގެ މައްސަލަކަމަށެ ވެ. އަދި ހަމަލާދީނީ ގަސްތުގައި މަރާލުމުގެ ބޭނުމުގައި ނޫންކަމަށްވެސް އޭނާ ވަނީ ކޯޓުގައި ބުނެފަ އެވެ.

އެގޮތުން އޭނާ މޫސާ އިބްރާހިމަށް ހަމަލާދީނީ ގަމީސް ފޮޅާލާފައި ދިއުމުގެ ތެރޭގައި އޮޅިގެންކަމަށް ވަނީ ބުނެފަ އެވެ. އަދި އޭނާ ވަނީ މޫސާ އިބްރާހިމަށް ހަމަލާދިން ގޮތް ކޯޓުގައި ކުޅެ ދައްކާވެސް ދީފަ އެވެ. 

ހުކުމް، އޮޅިގެންވީ ކަމެއްކަމަށް ބަލާނެ ތަނެއް ނެތް 

މި މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން އިއްވި ހުކުމްުގައި ބުނެފައިވަނީ ހަމަލާދީނީ ގަސްތުގައި މަރާލަން ނޫންކަމަށް މުހައްމަދު އިބްރާހީމް ބުނި ނަމަވެސް އެހެން ބެލޭނެ ތަނެއް ނެތްކަމަށެވެ. އެގޮތުން ހުކުމްގައި ފާހަގަކުރި ސަބަބުތަކުގެ ތެރޭގައި ބުނެފައިވަނީ އޮޅުމަކުންވީ ކަމެއްނަމަ، އޭނާ މޫސާއަށް ފަރުވާދެވޭތޯ އަވަސްވެގަންނާނެކަމަށެ ވެ. އެހެންނަމަވެސް ހަމަލާދިނުމަށްފަހު އެތަނުން ފިލައިގެން ގޮސް މުހައްމަދު ިއބްރާހިމް ބލީ ވަޅި ފޮރުވޭތޯކަމަށްވެސް ހުކުމްގައި ވެއެވެ. 

މީގެއިތުރުން މޫސާ އިބްރާހިމަށް ހަމަލާދީފައިވަނީ ތޫނު ވަޅިއެއް ބޭނުންކޮށްގެން ކަމަށާއި ހަމަލާދީފައިވަނީ ގަސްތުގައިކަމަށް ބުރަވެވޭކަމަށްވެސް ހުކުމުގައި ވެއެވެ. އަދި ހަމަލާ ދީފައިވަނީ ކަނާތްފަރާތުގެ ކަރުގެ ބުޑަށްކަމަށާއި، އަދި ވަޅި ހަރާފައިވަނީ 3.1 އިންޗީގެ ފުނަށްކަންވެސް ހުކުމްގައި ވަނީ ފާހަގަކޮށްފަ އެވެ. 

އެހެންކަމުން މޫސާ އިބްރާހީމަށް މުހައްމަދު އިބްރާހީމް ދިން ހަމަލާއިން ގަސްތުގައި މީހަކު މެރުގެ ކުށް އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ދަށު ކޯޓުން އިއްވި ހުކުމުގައިވެ އެވެ. އަދި މަރުގެ ބަދަލުގައި މަރު ހިފަން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;