އުމުރުން 42 އަހަރުގެ މި ފިރިހެން މީހާ ހައްޔަރުކޮށްފައިވަނީ ސްޕެއިންގެ ޓަރަގޯނާ ސަރަހައްދުންނެވެ.
"މާސްޓާ އޮފް އެސްކޭޕްސް" ގެ ނަމުން މަޝްހޫރުވެފައިވާ މި ކުށްވެރިޔާ އެންމެ ފަހުން ފިލާފައިވަނީ އިޓަލީގެ ސެކިއުރިޓީ އެންމެ ވަރުގަދަ އެއް ޖަލު ކަމަށްވާ "އޮޕެރާ" ޖަލުންނެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އެ ޖަލުން ފިލީ ގޮޅީގެ ކުޑަދޮރުގެ ތޭރިތައް ކަނޑާލުމަށްފަހު، ބެޑްޝީޓުތަކެއް ގުޅައިގެން ތިރިއަށް ފައިބައި، ޖަލުގެ ބޮޑު ފާރު މަތިން އަރައިގެންނެވެ.
ގިނަ ކުށްތަކެއް ސާބިތުވެ، މި މީހާ ދިޔައީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމްތަކުގެ މުއްދަތު ހަމަވާނީ 2048 ވަނަ އަހަރު ކަމަށް ވެއެވެ. ނަމަވެސް އެ ހުކުމް ފުރިހަމަކުރުމުގެ ބަދަލުގައި އޭނާ ވަނީ ޖަލުން ފިލުމަށް ރާވައި، އެކަން ކާމިޔާބުކޮށްފަ އެވެ.
މި މީހާ ޖަލުން ފިލުމާއެކު އިޓަލީގެ ފުލުހުންނާއި ޔޫރަޕުގެ އެހެން ގައުމުތަކުގެ ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. އޭނާ އަތުލައިގަނެވުނީ އެތައް މަހެއް ވަންދެން ފިލައިގެން އުޅުމަށްފަހު، ސްޕެއިންގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.
ސްޕެއިންގެ ފުލުހުންގެ ބެލުމުގެ ދަށަށް މި ކުށްވެރިޔާ ގެންދިއުމަށްފަހު، އޭނާ އަނބުރާ އިޓަލީއާ ހަވާލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ހަތަރު ވަނަ ފަހަރަށް ޖަލުން ފިލި މައްސަލައިގައި އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް އުފުލައި، ޖަލު ހުކުމުގެ މުއްދަތު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;