މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ބުނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިން އެއްކޮށް ސާފުކުރުމުގެ މަސައްކަތާއި، އެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ސީސީޓީވީ ސެކިއުރިޓީ ކެމެރާތައް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަސައްކަތްތައް ނިމުމާއެކު، އާ މެޓް އޮފީހާއި ޒަމާނީ ރާޑަރު ބެހެއްޓުމުގެ މައިގަނޑު ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
އައްޑޫ އެއާޕޯޓުގައި އަލަށް ގާއިމުކުރާ އެސް-ބޭންޑް ޑޮޕްލާ ވެދާ ރާޑަރަކީ ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށްވުރެ މާ ބޮޑަށް ދެނެގަތުމަށާއި، ވިއްސާރައާއި ކޮޅިގަނޑުތައް އަންނަ މިސްރާބު ދުރާލައި ދެނެގަނެ ރައްޔިތުންނަށް އިންޒާރު ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ޒަމާނީ ވަސީލަތެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.
މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ވެސް މި ރާޑަރު މުހިންމު ދައުރެއް އަދާކުރާނެކަން އެ މިނިސްޓްރީން ފާހަގަކުރެ އެވެ.