ފުލުހުން މިރޭ ބުނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް ގާއިމުކޮށްފައިވާ ހޮޓްލައިނަށް ލިބުނު މައުލޫމާތާ ގުޅިގެން، ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރި މަސައްކަތުން، ހުއްދަނެތި އަދި ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކުމުގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ދެ ރައްޔިތަކު ވަނީ އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައި ކަމަށެވެ.
މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަހުމަދު އަދި އަބޫ ތާހިރު އެވެ. ފުލުހުން ބުނީ އޭގެ ތެރެއިން މަސްއޫދު ބަންދުކުރީ މިިދިޔަ ހުކުރު ދުވަހު ކަމަށާއި އަބޫ ތާހިރު ބަންދުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ނިންމާނީ ތަހުގީގަށް ލިބޭ މައުލޫމާތާއި ހޯދުންތަކުގެ އަލީގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކަޅު ބާޒާރުގައި ޑޮލަރު ނުއަގުގައި ވިއްކުމަކީ ބޭރުފައިސާއާއި ބެހޭ ގާނޫނުގެ ދަށުން ކުށެކެވެ. ރައީސްގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ މިމައްސަލަ ހައްލުކުރުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާރުވެސް 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;