އުމުރުން 42 އަހަރުގެ އަލްސައްޔިދު މި އިންތިހާބު ކާމިޔާބުކުރެއްވީ، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވަ އެވެ. މައިކް ރޮޖާސްއަކީ ކުރީގެ ކޮންގްރެސް މެންބަރެއްގެ އިތުރުން އެފްބީއައިގެ އެޖެންޓެކެވެ. އަދި އޭނާއަކީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ތާއީދާ އެކު ނުކުންނެވި ބޭފުޅެކެވެ. އަލްސައްޔިދު މި ގޮނޑި ކާމިޔާބުކުރެއްވީ މަގާމުން މުސްކުޅިކުރައްވާ ޑިމޮކްރެޓިކް ސެނެޓަރު ގޭރީ ޕީޓާސްގެ ބަދަލުގަ އެވެ.
މި ކާމިޔާބީއަކީ އެމެރިކާގެ ސިޔާސީ މައިދާނުގައި ލިބުނު ތާރީހީ ކުރިއެރުމެކެވެ. މީގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީގެ ފިކުރު ވަރުގަދަވެގެން ދިޔައިރު، މިޝިގަންގެ ސެނެޓް ގޮނޑި ހޯދުމަށް ރިޕަބްލިކަން ޕާޓީން ކުރި އުންމީދުތައް ވަނީ ނާކާމިޔާބުވެފަ އެވެ.
އޭނާއާ ދެކޮޅަށް، ވާދަވެރިން 60 މިލިއަނާއި 70 މިލިއަން ޑޮލަރާ ދެމެދުގެ ބޮޑު ހޭދައެއް ކޮށް، އޭނާއަކީ "ޓެރަރިސްޓެއް" ކަމަށާއި އެމެރިކާއަށް ހުރި ނުރައްކަލެއް ކަމަށް ބުނެ ހުތުރު ކެމްޕޭނެއް ހިންގި އެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ނައިބު ރައީސް ޖޭޑީ ވެންސްގެ ފަރާތުން އިސްލާމޯފޯބިއާގެ ހަމަލާތަކާއި އޭނާގެ އަރަބި ނަމަށް މަލާމާތް ކުރިމަތިވި އެވެ.
މިއާއެކު، މި ނަތީޖާއަކީ ސިޔާސީ ވާދަވެރިންގެ ފިކުރުތައް ބޮލާލައިޖަހައި، މާ މަތިވެރި އަމާޒަކަށް ކުރި މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރަން އޭނާ ސަޕޯޓަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ.
އަބްދުލް ސެނެޓަށް ހޮވިވަޑައިގަތީ އެންމެންނަށް ސިއްހީ ފަރުވާ ހޯދައިދިނުމާއި، ބޭސްފަރުވާގެ ބޮޑެތި ބިލްތަކާއި ދަރަނިތައް އަދާކުރުމުގެ އިތުރުން ސިޔާސީ ދާއިރާއިން ފައިސާގެ ނުފޫޒު ނައްތާލުމަށް ވަކާލާތު ކުރައްވާ ޕްރޮގްރެސިވް ސިޔާސަތުތަކަކާ އެކުގަ އެވެ. އިންތިހާބުގެ ކާމިޔާބީއަށް ފަހު އަބްދުލް ވިދާޅުވީ، މިއީ ފައިސާގެ ބާރަށް ވުރެ ރައްޔިތުންގެ ބާރު ގަދަކަން ސާބިތުކޮށްދިން ކާމިޔާބީއެއް ކަމަށެވެ.