ads
ތި އުޅެނީ ފައިސާ ރަނގަޅަށް މެނޭޖް ނުކުރެވިގެންތަ؟ ނިކަން މިކަންކަން ކޮށްލަބަލަ!
ދިރިއުޅުމުގެ ހަރަދުތައް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ މި ޒަމާނުގައި، ލިބޭ އާމްދަނީ ރަނގަޅު ގޮތުގައި މެނޭޖްކުރުމަކީ ކޮންމެ މީހަކަށްވެސް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ. މަސް ނިމޭއިރު އަތުގައި އެންމެ ލާރިއެއްވެސް ނެތި، ދަރަންޏަށް އެދެންޖެހޭ ހާލަތްތައް ގިނަ މީހުންނަށް ކުރިމަތިވަނީ ފައިސާ މެނޭޖްކުރުމުގެ ހުނަރު ނެތުމުގެ ސަބަބުންނެވެ. ނަމަވެސް، ވިސްނުންތެރިކަމާއެކު އެޅޭ ބައެއް އާދައިގެ ފިޔަވަޅުތަކުން މާލީ މިނިވަންކަމާއި ހަމަޖެހުން ހޯދިދާނެ އެވެ.
Advertisement

ފައިސާ ރަނގަޅަށް ބެލެހެއްޓުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ސާދާ ސީދާ "ސާފު" ބަޖެޓެއް އެކުލަވައިލުމެވެ. ބަޖެޓަކީ ތިމާއަށް ލިބޭ އާމްދަނީއާއި، ކުރަންޖެހޭ ކޮންމެހެން މުހިންމު ހަރަދުތަކާއި ސޭވިންގްސްގެ މަގުޗާޓެކެވެ. 

ލިބޭ މުސާރަ ބޮޑުވަންދެން ފައިސާ ރައްކާކުރަން މަޑުކުރެވޭ ނަމަ އެ ހެދެނީ ގޯހެކެވެ. ކުޑަ މުސާރައަކުން ވެސް ވަކި މިންވަރެއް ރައްކާކުރަން އާދަކޮށްފިނަމަ މުސާރަ ބޮޑުވާ ވަރަކަށް ފައިސާ ބެލެހެއްޓުމުގެ އާދަ ހަރުލާނެ ކަމަށް ފައިނޭންޝަލް ލިޓްރެސީ އެޑްވޮކޭޓަރުން ބުނެ އެވެ. އޭރުން އިގްތިސާދީ ގޮންޖެހުމެއް ނޫނީ ވަޒީފާ ބަދަލުވާ ވަގުތާއި ކުއްލި ހާލަތްތަކުގައި މީހުންގެ އަތުން ދަރަންޏަށް ފައިސާ ނަގަން ނުޖެހި އަމިއްލައަށް މީހާގެ މާލީ ރައްކާތެރިކަން ކަށަވަރު ކުރަން ފުރުސަތު ލިބެ އެވެ.

މީގެ އިތުރުން، ގަވާއިދުން ހަރަދުކުރާ މިންވަރު ޓްރެކްކުރުމަކީ ފައިސާ ބޭކާރު ގޮތުގައި ދާ ދޮރުތައް ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިގޮތުން، ކޮފީއަކަށް ނުވަތަ ކުދިކުދި ކަންކަމަށް ކޮންމެ ދުވަހަކު ކުރެވޭ ކުދިކުދި ހަރަދުތައް ރެކޯޑުކުރަން ފެށުމުން، މަހެއްގެ މައްޗަށް އެފަދަ ކަންކަމަށް ހޭދަވާ ބޮޑު އަދަދު ފެނި، އެކަންކަން ކޮންޓްރޯލް ކުރަން ފަސޭހަވެގެންދާނެ އެވެ.

ޒަމާނަށް "ފެތިގެން އުޅެން" ދިރިއުޅުމުގައި ކުރިމަތިވެދާނެ ކުއްލި ކަންކަމަށް ތައްޔާރުވުމަކީވެސް މާލީ ރައްކާތެރިކަމުގެ މުހިންމު ސިފަ އެކެވެ. އެގޮތުން، ވަޒީފާ ގެއްލުން ނުވަތަ ސިއްހީ ކުއްލި ކަމެއް ދިމާވެއްޖެ ހާލަތެއްގައި ބޭނުންކުރާނެ އިމަޖެންސީ ސޭވިންގްސް ފަންޑެއް ބިނާކުރުން ވަރަށް މުހިންމެވެ. މިއީ ދަރަނިވެރިވުމުން ސަލާމަތްކޮށްދޭނެ ވަރުގަދަ އައްޑަނައެކެވެ. ހަމައެއާއެކު، އާމްދަނީ އިތުރުވާ ވަރަކަށް ބޭކާރު ހަރަދުތައް އިތުރުކުރުން ނުވަތަ "ލައިފްސްޓައިލް އިންފްލޭޝަން" އިން ދުރުހެލިވާން ޖެހެ އެވެ. މީ ދިވެހިންނަށް އެންމެ އުދަގޫއެއް ހާލަތެވެ. މުސާރަ ބޮޑުވުމުން ދިރިއުޅުމުގެ ފެންވަރު އިންތިހާއަށް މަތިކުރުމުގެ ބަދަލުގައި، ރައްކާކުރާ މިންވަރު އިތުރުކުރުމަކީ ބުއްދިވެރި ގޮތެވެ.

ޒަމާނަށް އަންނަ ބަދަލުތަކާއެކު، މިއަދު ފަސޭހައިން ލިބެން ހުންނަ އިންސްޓޯލްމަންޓް ޕްލޭންތަކަށް ދެވިހިފުމަކީ މާލީ ގޮތުން ފަހަތަށްދާ ކަމެކެވެ. ކޮންމެހެން ބޭނުންނުވާ އަގުބޮޑެތި ތަކެތި އިންސްޓޯލްމަންޓަށް ނެގުން މަދުކޮށް، އަތުގައި ހުރި އެއްޗަކުން ފުއްދައިގެން އުޅުމުގެ އާދަ އަށަގަންނުވަން ޖެހެ އެވެ. މީގެ އިތުރުން، ޒުވާން އުމުރުގައި ރިޓަޔާމަންޓަށް ނުވަތަ މުސްކުޅި އުމުރަށް ފައިސާ ރައްކާކުރުމަށް އިސްކަންދޭން ޖެހެ އެވެ. ވަގުތު އޮއްވައި ކުރާ މިފަދަ އިންވެސްޓްމަންޓްތަކުގެ ފައިދާ ދުވަސްވީ ދުވަހު ނުހަނު ބޮޑަށް ފެންނާނެ އެވެ.

މި ހުރިހާ ކަމެއްގެ ބިންގަލަކީ ފައިނޭންޝަލް ލިޓްރަސީ ނުވަތަ މާލީ ކަންކަމަށް ހޭލުންތެރިވުމެވެ. ފައިސާ ހޯދާނެ ގޮތާއި، ރައްކާކުރާނެ ގޮތާއި އަދި އިންވެސްޓްކުރާނެ ގޮތްތައް އަމިއްލައަށް ދަސްކުރުމަކީ މިއަދު ކޮންމެ މީހަކަށްވެސް ކޮންމެހެން ލާޒިމު ކަމެކެވެ. ހަގީގަތަކީ ފައިނޭންޝަލް ލިޓްރަސީއަށް ގިނަ ދިވެހިންގެ ހޭލުންތެރިކަން ކުޑަކަމެވެ. ފައިސާފޮއްޗެއް ފަހަށް ރައްކާކުރުމުގައި ގޮންޖެހުން މިހާ ބޮޑުވަނީ އެހެންވެ އެވެ.

އިގްތިސޯދީ ދަންނަ ބޭކަލުން ގަބޫލުކުރާ ގޮތުގައި ފައިސާ ރަނގަޅަށް މެނޭޖްކުރުމަކީ ބުރަ ނުވަތަ ނުވާނެ ކަމެއް ނޫނެވެ. ބޭނުންވަނީ ކުޑަ ހިތްވަރަކާއި، ކެތްތެރިކަމާއެކު ރޭވުންތެރި އާދަތަކެއް ދިރިއުޅުމުގައި ހަރުލެއްވުމެވެ. ލިބޭ މުސާރަ ނުވަތަ އާމްދަނީ މެނޭޖުކުރުމުގައި އާއްމުކޮށް ދިމާވާ ގޮންޖެހުންތަކާއި އެކަމުން ސަލާމަތްވާނެ ގޮތްތަކެއް ހޯދުން ވަރަށް މުހިންމެވެ. ފައިސާ ރަނގަޅަށް މެނޭޖްކުރުމުގެ ވިސްނުމުގައި މިއަދު އަޅާ މިފަދަ ހަރުދަނާ ފިޔަވަޅުތަކަކީ މާދަމާގެ އުފާވެރި، ހަމަޖެހޭ މާލީ މުސްތަގުބަލެއްގެ ބިންގަލެވެ. އޭރުން އެ ރައްކާކުރެވެނީ ދަރަނީގެ ދޮރުން ނިކުންނާނެ ތަޅުދަނޑި އެވެ.          

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް