މި ގަވާއިދުގެ ދަށުން ބަސްތަކުގެ ތެރޭގައި ކައިބޮއި ހެދުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ.
އާ ގަވާއިދުގައިވާ ގޮތުން ބަސް ދަތުރުކުރާއިރު އެއްޗެއް ކެއުން ނުވަތަ ބުއިމުގެ އިތުރުން، ބާރަށް އަޑުއިވޭ ގޮތަށް އޯޑިއޯ ޖެހުމާއި، ގޮނޑިތަކުގައި ފައި އެރުވުން ފަދަ ކަންކަން ކުރާ ދަތުރުވެރިން 500 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ އެވެ. މިއީ ބަސްތަކުގެ ސާފުތާހިރުކަމާއި، އާންމު އިޖުތިމާއީ އަދަބުވެރިކަން ހިފެހެއްޓުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކެކެވެ.
މީގެއިތުރުން، ބަސް ހަޑިކުރުން ނުވަތަ އެހެން މީހުންގެ ނުރައްކަލަށް ހުށަހެޅުން ފަދަ މާ ނުރައްކާތެރި ކުށްތަކަށް ދެވޭ އަދަބު ވަނީ މާ ބޮޑަށް ވަރުގަދަކޮށްފަ އެވެ. މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް 5،000 ސިންގަޕޫރު ޑޮލަރާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ލޭންޑް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ކަނޑައަޅާފަ އެވެ.
މި އާ ގަވާއިދުތަކުގެ މައިގަނޑު މަގުސަދަކީ އާންމު ދަތުރުފަތުރުގެ ހިދުމަތް ހޯދާ އެންމެހައި ފަރާތްތަކަށް ރައްކާތެރި، އަމާން އަދި އަރާމު މާހައުލެއް ކަށަވަރުކޮށްދިނުމެވެ. އަދި ބަސްތަކުގައި ދަތުރުކުރާ އިރު އެހެން މީހުންނަށް އުނދަގޫނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.