އެޗްޑީސީން ބުނި ގޮތުގައި މި މަޝްރޫއުގެ މަގުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އެކި އުމުރުފުރާގެ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ތަނަކަށް ހުޅުމާލެ ހެދުމެވެ.
އެގޮތުން، މި މަޝްރޫއުގެ ދަށުން އެ ސަރަހައްދުގައި 10 ލޭނުގެ ބޯލިން އެލީއަކާއި، ގޭމިން އާކޭޑެއްގެ އިތުރުން ޕާޓީތަކާއި އިޖުތިމާއީ ހަރަކާތްތަކަށް ބޭނުންކުރެވޭނެ މަލްޓި ޕާޕަސް ހޯލެއް ގާއިމުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ގޮތުގެ ކުރެހުމެއް - ފޮޓޯ: އެޗްޑީސީ
އެ ސަރަހައްދުގައި މަޑުކޮށްލައިގެން ކުޅިވަރު ބަލަން ތިބެވޭނެ ފަދަ ގޮތަކަށް އެތަން ތަރައްގީކުރާއިރު ލޮކަރު ރޫމަކާއި، އާންމު ފާހާނާ ބަރިއެއްގެ އިތުރުން، މޫދުން އައިސް ފެންވެރޭނެ އިންތިޒާމާއި ޕާކިން އޭރިއާއެއްވެސް ތަރައްގީކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދަނީ ތިމާވެއްޓާއި އެ ސަރަހައްދުގެ އަތިރިމަތި އަދި އެތަނުގައި މިހާރު ހުރި ގަސްގަހާގެއްސަށާއި މާހައުލަށް މާބޮޑު ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ ގޮތަކަށް ތަން ޑިޒައިން ކޮށްގެންނެވެ.
އެ ބަދަލުގެ ސަބަބުން ހުޅުމާލޭގެ ރަށްވެހިންނާއި އާއިލާތަކަށާއި ޒުވާނުންގެ އިތުރުން އެ ތަނަށް ދާ ޓޫރިސްޓުންނާއި ރަށްރަށުން ޒިޔާރާތްކުރާ އެންމެންނަށް ވެސް ކުޅިވަރާއި މުނިފޫހިފިލުވުމުގައި ބައިވެރިވެވޭނެފަދަ އުފާވެރި އަމާން މާހައުލެއް ގާއިމް ވާނެ ކަމަށް އެޗްޑީސީން ދެކެ އެވެ.