ފުލުހުން ބުނި އެ އިދާރާގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ޓާސްކް ފޯސް ބައިވެރިވެގެން އިއްޔެ ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
އެއީ ހުއްދަނެތި ބޭންކިންގ ހިދުމަތް ދިނުމާއި، ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެ އެވެ. މި އޮޕަރޭޝަންގައި 4 ބިދޭސީއަކާއި ދިވެއްސެއްގެ އިތުރުން، ފިހާރައެއް އަދި ބިދޭސީއަކު ދިރިއުޅޭ ތަނެއް ވަނީ ބަލައިފާސްކޮށްފައިކަމަށް ފުލުހުން ބުނެއެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް އެ އިދާރާއިން ބުނެ އެވެ.
ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެ ވިއްކުމުގައި ބިދޭސީން ހަރަކާތްތެރިވަމުންދާ ކަމަށާއި އޭގެ ތެރޭގައި ޑޮލަރު ސްމަގްލް ކުރާ މީހުން ވެސް އެބައުޅޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ދާދީ ފަހުން ވަނީ ވިދާޅުވެފަ އެވެ. މިނިސްޓަރު އިހުސާން ވިދާޅުވީ، ހޮޓްލައިން މެދުވެރިކޮށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ގަވައިދާ ހިލާފަށް ޑޮލަރު މާރުކުރަމުންދާ 12 ބިދޭސީއެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން ނުވަ މީހަކު މިހާރު ތިބީ ޑިޓެންޝަނުގައި ކަމަށް މިނިސްޓަރު ވިދާޅވި އެވެ.