މިދިޔަ ބުދަ ދުވަހުގެ މެންދަމު ހުޅުމާލޭގައި ހިނގި މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިނީ ހ. ލާމިޔާ، އަޙްމަދު އުވައިސްއެވެ. މަކަރާއި ހީލަތުގެ މައްސަލައެއްގައި މި މަހުގެ 1 ވަނަ ދުވަހު އޭނާގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވަނިކޮށް، ހަފްތާއެއް ނުވަނީސް އޭނާ މަގުމައްޗަށް ނުކުމެ ސައިކަލު ދުއްވަން އިނުމުން، އޭނާ މިނިވަންވި ގޮތާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
އެ ދުވަހު ސައިކަލު ދުއްވަން އިނީ ކާކުކަމެއް ފުލުހުން މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އެ ހާދިސާއާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި، ސައިކަލު ދުއްވަން އިނީ ލައިސެންސް ނެތް މީހެއްކަމަށް ފުލުހުންވަނީ ބުނެފަ އެވެ.
ކާކުކަން ހާމަނުކޮށް ފުލުހުން އެ ހާދިސާއާ ގުޅިގެން ބުނެފައިވަނީ، ސައިކަލު ދުއްވާފައިވަނީ ތިން މީހުން އަރުވައިގެން، "ވަންވޭ" އާ އިދިކޮޅަށެވެ. އަދި އޭނާއަކީ އެ ކެޓެގަރީގެ ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް މީހެއްވެސް ނޫންކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މި އެކްސިޑެންޓުގައި ޖުމްލަ ފަސް މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗަށް ގެންދެވުނެވެ. އަނިޔާވި މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގައެވެ. ބާކީ ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ވޯޑުގައި ފަރުވާދިނުމަށްފަހު ވަނީ ދޫކޮށްލައިފަ އެވެ.
މި އެކްސިޑެންޓުގައި އަނިޔާވި މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެ މީހުން ހިމެނޭއިރު، އަނިޔާވި މީހުންނަށް ލިބުނު އަނިޔާތަކުގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެ އެވެ. މުއްދަތު ޖަހާފައި ހުރި މީހަކު މިނިވަންވެގެން އުޅުނު މައްސަލައިގައި ފުލުހުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.