"ޖޭކޮބް އެންޑް ކޯ" ކުންފުނިން ރޮނާލްޑޯއަށް ހާއްސަކޮށް ތައްޔާރުކޮށްދީފައިވާ މި ކަސްޓަމް ގަޑިއަކީ 1.65 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި، އާދާޔާޚިލާފު އުފެއްދުމެކެވެ.
މި ގަޑީގެ އެންމެ ހާއްސަ އަދި ފާހަގަކޮށްލެވޭ ކަމަކީ އޭގެ އެތެރޭގައި ހިނގަމުންދާ މެކޭނިޒަމްގެ ތެރޭގައި ބުގާޓީ ކާރުގެ އިންޖީނެއް ރަމްޒުކޮށްދޭ، ހަރަކާތްތެރިވާ 16 ޕިސްޓަން ހިމެނޭކަމެވެ. މިފަދަ އުނދަގޫ އަދި ފުރިހަމަ މެކޭނިކަލް މަސައްކަތެއް އެކުލެވޭ މި ގަޑި ދައްކާލުމާއެކު، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވަރަށް އަވަހަށް މި ވާހަކަ ވައިގައި ހިފި އެވެ.
މި ގަޑީގެ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، އިންޓަނެޓު ބޭނުންކުރާ ގިނަ ބަޔަކު ވަނީ މިކަމާ ގުޅޭގޮތުން ތަފާތު މަޖާ ކޮމެންޓްތައް ކޮށްފަ އެވެ. އެގޮތުން، މިހާ މޮޅު އަދި އުނދަގޫ މެކޭނިޒަމެއް ގަޑީގެ އެތެރޭގައި ހުރިނަމަވެސް، ފުޓްބޯޅަ ކުޅުން ހުއްޓާލައި ރިޓަޔާކުރަންވީ ވަގުތު ޖެހިއްޖެކަން މި ގަޑިއަކުން ރޮނާލްޑޯއަށް ބުނެދެއް ނުދެވޭކަމަށް ބުނެ ގިނަ ބަޔަކު ވަނީ ސަމާސާކޮށްފަ އެވެ.
ރޮނާލްޑޯގެ މި އަގުބޮޑު ގަޑިއަކީ އޭނާގެ މުއްސަނދިކަމާއި ތަފާތު ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ އުފެއްދުމަކަށް ވީއިރު، ސޯޝަލް މީޑިއާގައި އާންމުން ކުރި ސަމާސާ ކޮމެންޓްތަކާއެކު މި ގަޑިއަށް ލިބުނު ސަމާލުކަން ވަނީ އިތުރަށް ބޮޑުވެގެން ގޮސްފަ އެވެ.