މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނިން ހޯދުމަށް ނިންމާފައިވަނީ އެއަރބަސް އޭ220-300 (A220-300) މަރުކާގެ ދެ ބޯޓެވެ. އަދި އޮޕަރޭޓިން ލީސް އުސޫލުން މި ބޯޓުތައް ފޯރުކޮށްދިނުމަށް ޝަރުތުހަމަވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އެއާބަސް އޭ320 މަރުކާގެ ބޯޓެއް 2012 ވަނަ އަހަރުން ފެށިގެން އޮޕަރޭޓް ކުރަމުން އަންނަ މޯލްޑިވިއަން އިން ބުނީ އޭ220 މަރުކާގެ ބޯޓު ހޯދަނީ ފްލީޓް ޒަމާނީ ކުރުމުގެ ގޮތުން ކަމަށެވެ.
މޯލްޑިވިއަނަށް ހޯދާ ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު އަންނަ އަހަރުގެ ފަހު ކުއާޓަރުގައި ފޯރުކޮށްދޭން ޖެހޭއިރު ދެވަނަ ފްލައިޓް 2028 ގެ ފުރަތަމަ ކުއާޓަރުގައި ފޯރުކޮށްދޭން ޖެހެ އެވެ.
މޯލްޑިވިއަނުން އެތެރޭގެ 18 މަންޒިލަކަށް ދަތުރުކުރެ އެވެ. އެ އޮޕަރޭޝަންތަކުގައި މިހާރު ބޭނުންކުރަނީ އޭޓީއާރު 72-600 ގެ ދެ ބޯޓާއި އޭޓީއާރު 42-600 ގެ ތިން ބޯޓު އާއި ޑީއެޗްސީ-8-300 އަދި ޑީއެޗްސީ-8-200 މަރުކާގެ ހަތް ބޯޓެވެ.
ދުރު މަންޒިލްތަކަށް ހާއްސަކޮށް މޯލްޑިވިއަންގެ ފްލީޓަށް އެއާބަސް އޭ330-200ގެ ބޯޓެއް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ގެނެސްފައިވެ އެވެ.
މޯލްޑިވިއަންގެ ހިދުމަތް އިތުރަށް ތަރައްގީކޮށް، ބައިނަލްއަގްވާމީ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ފެށުމަކީ، ސަރުކާރުގެ އަމާޒެކެވެ. އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް ގައުމީ އެއަރލައިނަށް އިތުރު ވައިޑް ބޮޑީ އެއަރ ކްރާފްޓެއް ގެނައުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ބޯޓު މިއަހަރުގެ ފަހުކޮޅު ރާއްޖެއަށް ގެނައުމަށް އައިލެންޑް އޭވިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް މޯލްޑިވިއަން އިން ބުނެފައިވެ އެވެ.