މި މައްްސަލާގައި ދައުލަތުން މި ފިރިހެން މީހާގެ މައްޗަށް ދައުވާކުރީ އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓުން އޭނާއަށް ނޭނގި، ވަގަށް 8,150 ރުފިޔާ ނެގި މައްސަލައެއްގައެވެ. އަދި މިކަން އޭނާކޮށްފައި ވަނީ އެކިފަހަރު މަތިންކަމަށް ދައުވާގައިވެއެވެ.
މި މައްސަލައިގައި މި ފިރިހެން މިހާ ވަނީ އެ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި އޭނާ އެ ފައިސާ ނަގާފައިވަނީ އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި އަމިއްލަ އިހްތިޔާރުގައި ކަމަށް ވަނީ ބުނެފަ އެވެ.
މި މީހާ ވަނީ އޭނާއަކީ ބަލި މަންމައަކާއި ކުޑަކުއްޖަކު ބަލަހައްޓަމުންދާ މީހެއް ކަމަށާއި، އަންހެނުން ވަޒީފާއަށް ދިއުމުން ދަރިފުޅު ބަލަނީ އޭނާ ކަމަށް ބުނެ ޖަލު އަދަބެއް ނުދިނުމަށް އެދިފަ އެވެ. އެގޮތުން އޭނާ އެދުނީ ޖޫރިމަނާގެ އަދަބެއް ދިނުމަށެވެ.
އެހެންނަމަވެސް، މައްސަލަ ނިންމި ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓުން އިއްވި ހުކުމުގައި ބުނީ ފިރިހެން މީހާއަކީ ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީއެއް ލިބޭ މަސައްކަތެއް ކުރާ މީހެއް ނޫންކަން އެނގޭކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އަދަބު ކަނޑައެޅުމުގެ އުސޫލުގެ ދަށުން ޖޫރިމަނާއަށް އަދަބު ބަދަލުކުރުމުގެ ޝަރުތުތައް އޭނާގެ ފުރިހަމަނުވާތީ، ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދެވެން ނެތް ކަމަށް ކޯޓުގެ ހުކުމުގައި ވެއެވެ.
އެގޮތުން ކޯޓުން ވަނީ އެމީހާ ހަތް މަހާއި ތިން ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އެ ކުށުގެ އަސްލު އަދަބީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، އޭނާ ކުށަށް އިއުތިރާފުވުމުން އަދަބުގެ މިންވަރުން އެއް ދަރަޖަ ކޯޓުން ވަނީ ދަށްކޮށްފަ އެވެ.