ވެލާނާ އެއާޕޯޓް ނޮމިނޭޓްވެފައި ވަނީ "ވޯލްޑްސް ލީޑިންގ އެއާޕޯޓް2026" އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ގެ ކެޓަގަރީން ނެވެ.
މި ކެޓަގަރީތަކަށް ވީ.އައި.އޭއަށް ވާދަކުރުމުގެ ފުރުސަތު ތަނަވަސްވެގެންދިޔައީ، 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވުނު ސަރަހައްދީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ އެވޯޑް ލިބުމާއި ގުޅިގެންކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.
މި ނޮމިނޭޝަންތަކާއެކު، "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026" ކެޓަގަރީގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮން އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އިސްތަންބޫލުގެ އައި.ޖީ.އޭ އެއާޕޯޓާއި، އެޓްލާންޓާގެ ހާޓްސްފީލްޑް-ޖެކްސަން އިންޓަނޭޝަނަލް އެއާޕޯޓާއި، ނިއުޔޯކުގެ ޖޯން އެފް. ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓް އަދި ޒިއުރިކް އެއާޕޯޓް ފަދަ ޝަރަފުވެރި އަދި ބޮޑެތި އެއާޕޯޓްތަކާ ދެކޮޅަށް ވީ.އައި.އޭ ވާދަކުރާނެއެވެ. މި ކެޓަގަރީއިން ޖުމްލަ 2 އެއާޕޯޓެއް ވާދަކުރާނެ އެވެ.
"ވޯލްޑްސް ލީޑިންގ އެއާޕޯޓް– ކަސްޓަމަރ އެކްސްޕީރިއަންސް 2026" ކެޓަގަރީން ޖުމްލަ 12 އެއާޕޯޓަކާއެކު ވީ.އައި.އޭއިން ވާދަކުރާނެ އެވެ. މީގެ ތެރޭގައި ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން އަބޫދާބީގެ ޒާއިދު އިންޓަނޭޝަނަލް އެއާޕޯޓާއި، ސިޑްނީ އެއާޕޯޓް އަދި އޯކްލޭންޑް އެއާޕޯޓް ހިމެނެއެވެ.
މި ދެ ކެޓަގަރީންވެސް ވެލާނާ އެއާޕޯޓަށް އެވޯޑް ހޯދާދިނުމަށް ދިވެހި ރައްޔިތުންނާއި، ދަތުރުވެރިންނާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުގެ އިތުރުން ރާއްޖެއަށް ހެޔޮއެދޭ އެންމެހާ ފަރާތްތަކުންވެސް މި ވޯޓުގައި ބައިވެރިވުމަށް އެމްއޭސީއއެލުން ވަނީ އެދިފަ އެވެ.
ވޯޓުލުމުގެ ކަންކަން ކުރިއަށްދާނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށެވެ.
ޥޯޓިން ލިންކް: ވޯލްޑްސް ލީޑިން އެއާޕޯޓް2026 | ވޯލްޑްސް ލީޑިންގ އެއާޕޯޓް– ކަސްޓަމާ އެކްސްޕީރިއަންސް 2026
މި އަހަރުގެ އެވޯޑްތައް ކާމިޔާބުކުރާ ފަރާތްތައް ހާމަކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބާއްވާ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލްގަ އެވެ.