ފުލުހުން ބުނީ މާލޭގައި ފުޅާދާއިރާއެއްގައި ގަވާއިދާ ހިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް އަމާޒުކޮށް ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ހެންވޭރުގައި ހުންނަ ގެއެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ރެއިން ފެށިގެން ކުރިއަށްގެންދިޔަ މި އޮޕަރޭޝަންގައި ބަލައިފާސްކޮށްފައިވަނީ އެ ގޭގެ އެއްވަނަ ފަންގިފިލާއާއި ފަސްވަނަ ފަންގިފިލާކަމަސް ފުލުހުން ބުނެ އެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު މުސްލިމް ވިދާޅުވީ، މިއީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި، މި އޮޕަރޭޝަންގައި މާލެތެރޭގައި ފުޅާ ދާއިރާއެއްގައި ބަނގުރާ ފޯރުކޮށްދެމުންދާ ފަރާތްތަކެއް ދެނެގަނެވިފައިވާ ކަމަށެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.