މިދިޔަ ޖޫން މަހު ކްރިމިނަލް ކޯޓުން ވަނީ 25 އަހަރަށް ޝައްމާން ޖަލަށް ލާން ހުކުމްކޮށްފަ އެވެ.
ތިން މައްސަލައެއް ސާބިތުވެ ޝައްމާން ޖަލަށްލާން ހުކުމް ކުރީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުންނާ ގުޅިގެން ގަވާއިދާ ހިލާފަށް ހިންގި އޮޕަރޭޝަނެއްގައި ބިދޭސީ މަސައްކަތްތެރިންތަކެއް ހައްޔަރުކޮށް، އޭގެ ތެރެއިން އެކަކު އަތުން 530,000 ރުފިޔާ ނެގި ކަމަށް ސާބިތުވުމުންނެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ދައުވާކުރި މައްސަަލައިގެ އަޑުއެހުމަށް ވަނުމުގެ ކުރިން ޝައްމާން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީން ގެންނަން ނަގާ ކޯޓާ ފީން ވައްކަންކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ކޮންމެ ކޯޓާއަކުން 8،000 ރުފިޔާ އަދި އެޕްރޫވްކުރާ ކޮންމެ ބަންގްލަދޭޝް މީހަކަށް 1،800 ޑޮލަރު އިހްސާން ނެންގެވިކަމަށް ޝައްމާން ތުހުމަތުކުރެއްވިއެވެ. އަދި އެކަން ރައިސް މުއިއްޒަށް އެންގެވުމުން އެކަން އެމަނިކުފާނު ނުބެލެއްވިކަމަށްވެސް ޝައްމާން އެދުވަހު ވިދާޅުވި އެވެ. އަދި އޭނާގެ ފޯނުގައި އެ ކޮރަޕްޝަނާ ގުޅޭ ހެކިތަކެއް ހުންނާނެ ކަމަށް ވެސް ޝައްމާބް ވިދާޅުވި އެވެ.
ޝައްމާން އޭސީސީއަށް ހާޒިރުކޮށް ސުވާލުކުރީ އަލީ އިހްސާންގެ މައްޗަށް ކުރަމުން އަންނަ ކޮރަޕްޝަން ތުހުމަތުތަކާއި ގުޅިގެންކަމަށް ބައެއް ސިޔާސީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އޭސީސީން ބުނީ ޝައްމާން އެ ކޮމިޝަނުން ބަލަމުން އަންނަ މައްސަލައެއްގައި ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވާކަމަށެވެ. އެހެންނަމަވެސް އެއީ ކޮން މައްސަލައަކާއި ގުޅިގެންކަމެއް އޭސީސީން ނުބުނެއެވެ.