އާރްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުން ނަޒީމް ވަކިކޮށްފައިވާއިރު، އެ ކުންފުނި އުވާލައި ކުންފުނީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށުން ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މިގޮތުން ސަރުކާރުގެ އެކި އިދާރާތަކުން އާރްޑީސީއާއި ހަވާލުކޮށްފައިވާ މަޝްރޫއުތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.
ސަރުކާރުގެ ހަރަދު ކުޑަކޮށް ކުންފުނިތައް ރައިޓް ސައިޒްކުރުމުގެ މަގުސަދުގައި އާރުޑީސީ އުވާލަން ސަރުކާރުން ނިންމެވުމުން އެކުންފުނީގެ އެމްޑީކަމުން ނަޒީމް ވަކިކުރީ އިއްޔެ އެވެ.
ނަޒީމް އެެ މަގާމުން ވަކިކުރުމަށްފަހު މިއަދު އޭނާ ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފަ އެވެ. މީގެ ކުރިންވެސް އެ މިނިސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ނަޒީމް ވަނީ އެ މިނިސްޓްރީގެ އެކި މަގާމުތައް 17 އަހަރު ވަންދެން ފުރުއްވާފަ އެވެ.
ސަރުކާރު ކުންފުނުތަކުގެ ހަރަދު ކުޑަކޮށް ރައިޓް ސައިޒުކުރުމުގެ މަސައްކަތުގެ ދަށުން، ބައެއް ކުންފުނިތައް އުވާލަން ނިންމެވިކަން ރައީސްް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު އެވެ. އެގޮތުން ފެނަކަ އުވާލާ އެ ކުންފުނިން ކުރަމުން އައި ކަރަންޓްގެ މަސައްކަތްތައް ސްޓެލްކޯއަށް ހަވާލުކުރަން ވަނީ ނިންމާފަ އެވެ. އަދި އާރުޑީސީ ވެސް އުވާލާ އެތަނުގެ މަސައްކަތް އެމްޓީސީސީއަށް ބަދަލުކުރަން ވެސް ރައީސްް ވަނީ ނިންމަވާފައެވެ. މީގެއިތުރުން އެގްރޯ ނެޓް މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަކުރަން ވެސް ވަނީ ނިންމާފަ އެވެ.