ފުލުހުން ބުނީ މި އޮޕަރޭޝަންތަކުގެ ތެރެއިން، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ،އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މި މަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެެއްކަމަށެވެ.
އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސޯސަންވިލާ / ޅ. ނައިފަރު، ހަސަން ހުޝާމު (35އ) އާއި ކަދުވަލުގެ / ޅ. ނައިފަރު، އާދަމް ނަސީރު (32އ) އެވެ.
އޮޅުވެލިފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތި ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހިންގި އޮޕަރޭޝަނެއްކަމަސް ފުލުހުން ބުނެ އެވެ. މި މަހުގެ 13 ވަނަ ދުވަހު އޮޅުވެލިފުށި ޕޮލިހުން ހިންގި އޮޕަރޭޝަނުގައި، ޝެހެނާޒްގެ / ޅ. އޮޅުވެލިފުށި، މުހައްމަދު އަފްރާޙް (28އ) އެ ރަށު މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތް ކަރުދާސްކޮޅު ފެނިފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި ތިންމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން ހުޝާމު އަދި އާދަމް ނަސީރު ބަންދުގައި ބެހެއްޓުމަށް ހަތްދުވަހުގެ މުއްދަތެއް ދީފައިވާއިރު، މުޙައްމަދު އަފްރާޙް އަށްދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.