މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ނެރުނު އިއުލާނެއްގައި ބުނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ބިންތައް އަތުލީ މާލޭގެ އަދި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށާއި، އިންފްރާސްޓްރަކްޗާގެ ހިދުމަތް ދިނުމަށާއި، އެ ހިދުމަތްތައް އިތުރަށް ތަރައްޤީކޮށް ބެލެހެއްޓުމަށް ކޮންމެހެން ބޭނުންވާ ބިންތަކުގައި އެ ކަމާކާ ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށްޓަކައިކަމަށެވެ.
ސިޓީ ކައުންސިލުން އަތުލި ބިންތަކާއި އެތަން ތަން ހިންގަން ނިންމާފައިވާ މަޝްރޫއުތައް
1. ސަލްޓަން ޕާކު - މިއުޒިއަމް ސަރަހައްދު / އީ-ސްޕޯޓްސް އެރީނާ އަދި މިއުޒިއަމް ޕާކު
2. މަސް މާރުކޭޓު / އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއްގެ ގޮތުގައި
3. ލޯކަލް މާރުކޭޓު / މާރުކޭޓު ކޮމްޕްލެކްސް
4. ދަތުރުވެރިންގެ މާރުކޭޓު / މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓް
5. މާލެ ސިޓީ ކައުންސިލް އެކަމަޑޭޝަން / ލޭބާ އެކަމަޑޭޝަން އެންޑް ސްޓޯރޭޖް ފެސިލިޓީ
6. ވިޔަފާރިވެރިންގެ ޖަމިއްޔާ ހިންގި ބިން / ޑޭ ކެއާ ސެންޓަރ އަދި ކުޑަކުދިންގެ ހަރަކާތްތައް ހިންގާ މަރުކަޒު
7. ކާނިވާ ސަރަހައްދު (ކެފޭތަކާއި ޕާކިން އޭރިއާ ހިމެނޭގޮތަށް ) / ރެކްރިއޭޝަނަލް އަދި ވިޔަފާރި ބޭނުމަށް
8. އާޓިފިޝަލް ބީޗު / ޕަބްލިކް ރެކްރިއޭޝަނަލް ފެސިލިޓީ
9. މަސްވެރިންގެ މައިޒާން / އެމްޑަބްލިއުއެސްސީ ޕަމްޕް ސްޓޭޝަންގެ ގޮތުގައި
10. ތައިސޭކޮށީގައިވާ ހުސްބިންތައް / މަޝްރޫއުތަކުގެ ވޯކް ސައިޓަކަށް ބޭނުންކުރުމަށް
11. ޕޭ ޓޮއިލެޓް 2 / ޕަބްލިކް ފާހަނާއާއި އެކަމާ ގުޅޭ ފެސިލިޓީ
12. ކުރީގެ ހަކަތަ ޕެޓްރޯލް ޝެޑް ބިން (މިހާރު ސީޓީ ކައުންސިލުން ގަސް ވިއްކާތަން ) / އިލެކްޓްރިކް ވެހިކަލް ޗާޖިން ފެސިލިޓީ
13. ބޮނޑިބަތް ޕާކު – ޕާކިން އިމާރާތް އަދި ވިޔަފާރި ބޭނުމަށް
14. ރަސްފަންނު – ހިންގުން ސަރުކާރުގެ ދަށަށް ބަދަލުކޮށްފައި
މި ބިންތައް ކައުންސިލުން ވަކިކޮށް ދައުލަތުގެ މިލްކިއްޔާތުގެ ގޮތުގައި ކަނޑައަޅާފައިވާކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިތަންތަނުގައި ހިންގަން ނިންމާފައިވާ މި މަޝްރޫއުތަކާއި ގުޅޭގޮތުން ހިޔާލެއް ނުވަތަ ޝަކުވާ ހުށަހެޅުމަށް އެއްވެސް ފަރާތަކުން ބޭނުންވާނަމަ މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން މި މިނިސްޓްރީއަށް ލިޔުމުން ހުށަހެޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.