އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ މެދުވެރިކުރައްވައި ހިއްސާކުރެއްވި ހާއްސަ މެސެޖެއްގަ އެވެ.
ރައީސްގެ ޕޯސްޓުގައި ވަނީ މިއަހަރުގެ ކާބޯތަކެތީގެ ދުވަހުގެ ޝިއާރަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިދުވަސް ހަނދާންކޮށްދެނީ ނިންމާ ނިންމުންތަކާއި ކުރާ ވުނަތަކަކީ މުސްތަގުބަލުގެ ޖީލުތަކުގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަންކަން ކަމަށެވެ. އަދި އީޖާދުކުރުމަށް ވުނަކުރުމަކީ، ގައުމީ ފެންވަރުގައި ކާބޯތަކެތީގެ އުފެއްދުންތެރިކަން ފުޅާކޮށް، ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ ތެރެއިން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދުޅަހެޔޮ، ދެމެހެއްޓެނިވި މުސްތަގުބަލެއް ކަށަވަރުކޮށްދެވޭނެ ކަމެއް ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި ދިވެހިރާއްޖެއަކީ ޖަޒީރާ ގައުމަކަށްވުމުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގައުމީ ވިލުންތެރިކަމަށާއި އިގުތިސޯދީ ދެމެހެއްޓެނިވިކަމަށް އަސާސީ ގޮތުން ފުރިހަމަވާން ޖެހޭކަމެކެވެ. މީގެ އިތުރުން އައު ޓެކްނޮލޮޖީތައް ބަލައިގަނެ، ދަނޑުވެރިންނާއި މަސްވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ އެތެރޭގެ އުފެއްދުންތެރިކަން އިތުރުކޮށް އަޅުގަނޑުމެންގެ ދިރިއުޅުމާއި މުޖުތަމައުތައް ދަމަހައްޓައިދޭ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގުތަކަށް އަންނަ ލޮޅުންތަކާއި ދަތުރުފަތުރަށް ދިމާވާ ހުރަސްތަކުން ގައުމު ސަލާމަތްކުރަން ރާއްޖޭގައި ކާބޯތަކެތި އުފައްދާ މިންވަރު އިތުރުކުރުމަކީ، ކޮންމެހެން ބޭނުންތެރި ކަމެކެވެ.
އެއާއެކު، ދަނޑުވެރިކަމުގެ ސިނާއަތް ފުޅާވުމަކީ ގައުމުގައި ބޭރު ފައިސާ ހިފެހެއްޓުމާއި ރަށްރަށުގައި ވަޒީފާގެ އާ ފުރުސަތުތައް އުފެދުމަށް މަގުފަހިވާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވި އެވެ.