ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ، ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނީ، ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މި ފެސިލިޓީއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ސާކް ގައުމުތަކަށް ހާއްސަކޮށްފައިވާ ކަރަންސީ ސުވަޕް އިންތިޒާމުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން 30 ބިލިއަން ރުޕީސްގެ ފުރަތަމަ ބައި ރާއްޖެއަށް ދޫކޮށްފައިވަނީ 23 އެޕްރީލް 2026 ގައެވެ.
ދެހާސް ސައުވީސް ވަނަ އަހަރުން 2027 އަށް އެކުލަވާލާފައިވާ މި އޮނިގަނޑުގެ ދަށުން ދެފަރާތުގެ މެދުގައި ވެވިފައިވާ ރުޕީސް ކަރަންސީ ސުވަޕް އިންތިޒާމުން އިންޓްރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުން ބޮޑެތި ލުއިތަކެއް ލިބިގެންދެއެވެ. އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރި ގޮތުގައި، 2012 ވަނަ އަހަރު މި އޮނިގަނޑު ތައާރަފުކުރި ފަހުން އިންޑިއާގެ މަރުކަޒީ ބޭންކު މެދުވެރިކޮށް ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު ސުވަޕް އެހީތެރިކަމެއް ވަނީ ފޯރުކޮށްދީފަ އެވެ.
ހައި ކޮމިޝަނުގެ ބަޔާނުގައިވާ ގޮތުން ކަރެންސީ ސްވޮޕާއި ޓީބިލް ފެސިލިޓީގެ އިތުރުން ދިގު މުއްދަތުގެ ޓީ ބޮންޑު ދެ ފެސިލިޓީއެއް ވެސް ރާއްޖެއަށް ދޫކޮށްފައިވެ އެވެ. އެއީ 250 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ޓީ ބޮންޑް ދެ ފެސިލިޓީ އެވެ.
ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރު ކުރިއިރު މިދިޔަ ސެޕްޓެމްބަރު މަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ހުރީ 547 މިލިއަން ޑޮލަރުގަ އެވެ. ކަރެންސީ ސްވޮޕް ބޭނުން ކުރަނީ ރިޒާވް އިތުރުކުރުމަށް ކުރު މުއްދަތުގެ ފައިނޭންސިން ފެސިލިޓީއެއްގެ ގޮތުގަ އެވެ.