މިސްކިތަކީ ހިޔާ ޓަވަރުތަކެއް މެދަށް އޮތް ހުސް ބިމުގައި ހަދާފައިވާ މިސްކިތެވެ. މި މިސްކިތް ހުންނަ ސަރަހައްދުގެ އެއް ފަޅިގައި މިހާރުވެސް އޮންނާނީ ޕާކެކެވެ.
މި މިސްކިތް ނެގުމާއި މެދު އއްމުންގެ ހިޔާލު ހޯދުމަށް އެޗްޑީސީން ވަނީ ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގުރޫޕަށް މެސެޖެއް ފޮނުވާފަ އެވެ. އެ މެސެޖުގައި ބުނީ އެ ސަރަހައްދަކީ ކުރިންވެސް ހިޔާ ސަރަހައްދުގައި އުޅޭ މީހުން ހިތް ފަސޭހަކޮށްލުމަށް ޕާކެއް ހެދުމަށް ކަނޑައަޅާފައިވާ ސަރަހައްދެއްކަމަށެވެ.
އެހެންނަމަވެސް އެތަނުގައި ވަގުތީ މިސްކިތެއް އެޅީ އެ ސަރަހައްދުގައި އޭރު މިސްކިތެއް ނެތުމުން ހިޔާ ޓަވަރުތަކުގައި އުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުންކަމަށެވެ. އެހެންނަމަވެސް މިހާރު އެ ސަރަހައްދުގައި މިސްކިތްތައް ހުރުމުން އެ މިސްކިތް ނެގުމުގެ ވިސްނުން ގެންގުޅޭކަން އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.
އެހެންކަމުން އެ މިސްކިތް ނަގާ އެ ސަރަހައްދުގައި ކުރިން ހަދަން ނިންމާފައިވާ ޕާކު ހެދުމަށް އާއްމުންގެ ހިޔާލަށް އެޗްޑީސީން ވަނީ ހުޅުވާލާފަ އެވެ. ހިޔާލު ހުށައެޅުމަށް އެޗްޑީސީން ވަނީ އޮންލައިން ފޯމެއް ހިޔާ ޓަވަރުގެ ކޮމިއުނިޓީ ގުރޫޕުގައި ހިއްސާކޮށްފަ އެވެ.
އެޗްޑީސީން ބުނީ މި ސާވޭގެ ބޭނުމަކީ ވަގުތީ މިސްކިތް މިހާރު ބޭނުންކުރަމުންދާ ގޮތް ދެނެގަތުމާއި، ތަރައްޤީކުރުމަށް ރޭވިފައިވާ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށް، އަދި ގެނައުމަށް ހުށަހަޅާފައިވާ ބަދަލުތަކާއި މެދު އާންމުންގެ ހިޔާލު ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލުންކަމަށެވެ.
ސާވޭ ގައި މައުލޫމާތު ދޭ ފަރާތްތަކުގެ ޒާތީ މައުލޫމާތެއް ނުނަގާނެކަމަށާއި ފޯރުކޮށްދޭ ޖަވާބުތައް ބޭނުންކުރާނީ އާންމުންގެ ހިޔާލު އެއްކޮށް އަޅާކިޔައި ދެނެގަތުމަށްކަމަށް އެޗްޑީސީން ބުނެ އެވެ.