ޑައިރެކްޓަރު ސުޖޯއި ގޯޝް އުފައްދާ މި ފިލްމަކީ ބައްޕައާއި ދަރިފުޅު ފުރަތަމަ ފަހަރަށް ބޮޑު ސްކްރީނުން އެކުގައި ފެނިގެންދާނެ ފިލްމަށް ވާތީ، މިއީ މުޅި ބޮލީވުޑްގައި މި ވަގުތު އެންމެ ބޮޑު އިންތިޒާރެއް ކުރެވެމުންދާ އެއް މަސައްކަތެވެ. ފިލްމުގެ ސެޓުން ފެންމަތިވަމުން އަންނަ އާ މައުލޫމާތުތަކާއެކު، ސިނަމާގެ ފޭނުންގެ މެދުގައި ޝައުގުވެރިކަން ވަނީ އިންތިހާއަށް މައްޗަށް ގޮސްފަ އެވެ.
މި ފިލްމަކީ ބައިނަލްއަގުވާމީ ފެންވަރުގެ ވަރުގަދަ އެކްޝަން މަންޒަރުތަކެއް ހިމެނޭ ގޮތަށް ތައްޔާރުކުރާ އުފެއްދުމެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، މި ފަހަރުގެ ޝެޑިއުލްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ބޮޑެތި ސްޓަންޓްތަކާއި ނުރައްކާތެރި އެކްޝަން ސީކުއެންސްތަކުގެ ޝޫޓިންތަކެވެ. އަދި މި މަންޒަރުތައް ފުރިހަމަކުރުމަށްޓަކައި ބޭރުގެ ހާއްސަ ސްޓަންޓް ޓީމުތަކާއެކު ދެ ތަރިން ވެސް ގިނަ ތަމްރީނުތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ވެއެވެ.
ފިލްމީ ދާއިރާގެ ހަބަރުތައް ބުނާ ގޮތުގައި، ސުހާނާ ހާން މި ފިލްމުގައި އަދާކުރަނީ ވަރަށް ވަރުގަދަ އަދި ގޮންޖެހުން ބޮޑު ރޯލެކެވެ. އޭނާގެ ކެރެކްޓަރަކީ އެކި ނުރައްކާތަކާ ކުރިމަތިލާ ހިތްވަރުގަދަ ޒުވާނެއްގެ ބައި ކަމަށާއި، ޝާހްރުކް ހާން ފެނިގެންދާނީ އޭނާ ސަލާމަތްކުރުމަށް ހަނގުރާމަކުރާ ތަޖުރިބާކާރު މެންޓާއެއްގެ ގޮތުގައި ކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މިއީ ސުހާނާގެ ފިލްމީ ހަޔާތުގައި ބޮޑު ސްކްރީނަށް ތައާރަފްވާ ފުރަތަމަ ފިޔަވަޅު ކަމަށް ވާތީ، އޭނާގެ ހުނަރު ބަލާލުމަށް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ.
މި ފިލްމާ ގުޅޭގޮތުން ޕްރޮޑަކްޝަން ޓީމާ ހަވާލާދީ މީޑިއާތަކުން ބުނީ، "މިއީ ހަމައެކަނި އާދައިގެ އެކްޝަން ފިލްމެއް ނޫން" ކަމަށާއި، މީގައި އަސަރުގަދަ އިމޯޝަނަލް ގުޅުންތަކާއި އާއިލީ ޖަޒުބާތުތައް ވެސް ވަރަށް ފުރިހަމައަށް އެކުލެވިގެންވާނެ ކަމަށެވެ. އަދި ބެލުންތެރިން ސިއްސުވާލާނެ ފަދަ މަންޒަރުތަކެއް މި ފިލްމުން ފެންނާނެ ކަމުގެ ޔަގީންކަން ޓީމުން ދެއެވެ.
ޝާހްރުކް ހާންގެ ފަހުގެ ފިލްމުތައް ކަމަށްވާ "ޕަތާން" އަދި "ޖަވާން" އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، އޭނާ އެނބުރި އެކްޝަން ފޯމެޓަށް އަންނަ މި ފިލްމަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ. މި ފިލްމުގެ ޝޫޓިން އިންޑިއާގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ބަޖެޓަކުން އުފައްދާ 'ކިންގް' އަކީ ކުރިއަށް އޮތް އަހަރުތަކުގައި ބޮކްސް އޮފީހުގައި އާ ރެކޯޑުތަކެއް މުގުރާލާނެ ފިލްމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.