ads
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު "އަހާފޯރަމް" ގައި ބައިވެރިވެވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް
އިގުތިސާދު ރަނގަޅު، ނުއުފުލޭވަރުގެ މާލީ ބުރައެއް ނެތް: ޒަރީރު
މެދުއިރުމަތީގެ ހަނގުރާމައިގެ އަސަރު ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑަށް ކުރިކަމަށާއި ނަމަވެސް އިގުތިސާދު ރަނގަޅު މިސްރާބަށް ގެންދަން މިހާރު އަލިމަގުތަކެއް ފެނިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސަރުކާރުން ބައިނަލްއަގްވާމީ މާލީ ބާޒާރުގައި ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ނިންމީ މިދިޔަ 2 އޭޕްރީލްގަ އެވެ. ސުކޫކު ދައްކާ ނިންމުމަށް އެސްޑީއެފް އަދި ރިޒާވުން ފައިސާ ހޭދަކުރި ކަމަށް ބުނި ނަމަވެސް އޭގެ ތަފްސީލު މީގެ ކުރިން ހާމައެއް ނުކުރެ އެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ކުރިއަށް ގެންދާ 'އަހާ' ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހާ ހަމައަށް، ދަރަނި ދެއްކުމަށް ޖުމްލަ 1.4 ބިލިއަން ޑޮލަރު މި ސަރުކާރުގެ ދެ އަހަރާ ބައިގެ ތެރޭ ހޭދަކޮށްފައިވާ ކަމަށެވެ.

"އޭގެ ތެރެއިން އެންމެ ބުރަ އަހަރު މި އަހަރަކީ. މިހާރު ދައްކަން ޖެހޭ ލޯނުގެ އަދަދުތަކަށް ބަލާއިރު މިހާރު ހޯދިފައިވާ ކާމިޔާބީއާ އެކު ކުރިއަށް އޮތް ތަނުގައި ލުއިތަކެއް ލިބިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މިއަހަރު ފެށިއިރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުރީ ވަރަށް ރަނގަޅަށެވެ. އެކަމަކު މެދުއިރުމަތީގެ ހަނގުރާމަފެށުމާ އެކު ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ސަބްސިޑީގެ ގޮތުގައި ކުރަން ޖެހުނު ހަރަދު ބޮޑުވި ކަމަށް ވެސް ވެސް އޭނާ ވިދާޅުވި އެވެ.

"މިއަހަރު އަޅުގަނޑުމެން ފަށައިގަތީ ވަރަށް ރަނގަޅު އަހަރެއްގެ ގޮތުގައި. އިގުތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރެއްގެ ގޮތުގައި. އެގޮތުން މިއަހަރުގެ ފުރަތަމަކުއާޓާ އަކީ ދައުލަތަށް ލިބުނު އާމްދަނީ ވަރަށް ބޮޑަށް އިތުރުވެގެން ދިޔަ ކުއާޓާ އެއް،" ޒަރީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަހަރު ސަބްސިޑީގެ ގޮތުގައި ހަރަދުކުރަން ސަރުކާރުން ބަޖެޓްކުރީ 2.9 ބިލިއަން ރުފިޔާ ކަމަށް ވިޔަސް އަހަރުގެ މިހާތަނަށް 4.3 ބިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަަރަދުވެފައި ވެ އެވެ.

ޒަރީރު ވިދާޅުވީ ރާއްޖެއަށް ބޭރު ފައިސާ އިތުރަށް ލިބޭނެ ގޮތްތައް ގާނޫނުތަކުން ފަހިކުރަމުންދާއިރު، މި އަހަރު ނިމުމަށް ފަހު، ރާއްޖެއިން ބޮޑެތި ދަރަނިތަކެއް ދައްކަން ނެތް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ދައްކަން އޮތް ދަރަންޏަކީ ރާއްޖެއަށް ލިބޭ އާމްދަނީން ދެއްކޭނެ ދަރަނިތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް