ads
ޓައިގާ ޝްރޮފް
ނުރައްކާތެރި ބަޑީގެ ހަމަލާއަކުން ހަނިގޮތަކަށް ޓައިގާ ޝްރޮފް ސަލާމަތްވެއްޖެ
އިންޑިއާގެ މުމްބާއީގެ ޖުހޫ ސަރަހައްދުގައި ހުންނަ ފުޓްބޯޅަ ދަނޑަކުން ނުކުމެގެން ދިޔަ ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފް އަށް އަމާޒުކޮށް ބަޑީގެ ހަމަލާތަކެއް ދީފި އެވެ.
Advertisement

އާދީއްތަ ދުވަހުގެ އިރުއޮއްސި ހަވީރުގެ ވަގުތެއްގައި ހިނގި މި ނުރައްކާތެރި ހާދިސާގައި ޓައިގާގެ ގަޔަށް ވަޒަނެއް ނާރައި އޭނާ ވަނީ ހަނިގޮތަކަށް ސަލާމަތްވެފަ އެވެ. ނަމަވެސް އެ ވަގުތު އޭނާގެ ކާރު ދުއްވަން އިން ޑްރައިވަރާއި މަގުމަތީގައި ހުރި އޮޓޯ ރިކްޝޯއެއްގެ ޑްރައިވަރަކަށް ވަޒަން އަރައި ވަނީ އަނިޔާވެފަ އެވެ.

ފުލުހުންގެ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ރައްޓެހިންނާއެކު ފުޓްބޯޅަ ކުޅުމަށްފަހު ޓައިގާ އޭނާގެ ކާރަށް އަރަން ދިޔަ ވަގުތު އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ތެރެއިންނެވެ. ސައިކަލެއްގައި އައި ތިން މީހަކު ވަނީ ޓައިގާ އިން ކާރަށް އަމާޒުކޮށް ފަސް ވަރަކަށް ފަހަރު ބަޑިޖަހާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ބަޑިޖަހާ އަޑު ވަރަށް ސާފުކޮށް އިވެ އެވެ.

ހަމަލާއަށްފަހު ވަގުތުން އެ ސަރަހައްދު ބަންދުކޮށް، މުމްބާއީ ކްރައިމް ބްރާންޗުން ވަނީ އެ ތަނަށް ގޮސް ތަހުގީގު ފަށާފަ އެވެ. އަދި އަނިޔާވި ޑްރައިވަރަށް އަވަސް ފަރުވާ ދިނުމަށް ވަގުތުން ނާނާވަތީ ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި ހަމަލާދިން މީހުން ހޯދުމުގެ އޮޕަރޭޝަނެއް ހިންގަމުންނެވެ.

މި ހާދިސާއާ ގުޅިގެން މުމްބާއީ ފުލުހުން ބުނީ، ޖުހޫ ޕޮލިސް ސްޓޭޝަންގެ ސަރަހައްދުން ބަޑިޖެހި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެކްޓަރު ޓައިގާ ޝްރޮފްގެ ހާލު ރަނގަޅު ކަމަށާއި އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި ހަމަލާގެ ޒިންމާ ލޯރެންސް ބިޝްނޯއީ ގޭންގުން އުފުލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރި ނަމަވެސް، ފުލުހުން އަދި އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. މަހާރާޝްތުރާގެ ސަރުކާރުން ބުނެފައިވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށާއި، މި އަމަލު ހިންގި އެއްވެސް މީހަކަށް ދޫނުދީ ހައްޔަރުކުރާނެ ކަމަށެވެ.

33%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް