މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)
ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)
މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާލީ އިދާރާތަކާ އެކު އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ނިންމި މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓް (އެމްޔޫޑީއާރްޕީ)ގެ ދިރާސާތަކާ ހަވާލާދީ މިނިސްޓްރީން ބުނި ގޮތުގައި، ދިވެހި ގިނަ އާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ.
އެހެންވެ، ސަރުކާރުން ތައާރަފުކޮށްފައިވާ "ނޭޝަނަލް ހޯމް އޯނަޝިޕް ޕްރޮގްރާމް"ގެ ދަށުން މިއަދު އިތުރުކުރި ދެ ބައިގެ މަގުސަދަކީ އެ ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ، މާލީ ދަތިތަކުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ކުރެވިފައިނުވާ ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ހައުސިން މިނިސްޓްރީން ހާމަކުރި ގޮތުގައި އެ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު ދެ ބައެއްގެ މައްޗަށެވެ. އެއީ:
● ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭނެ
● މި ބައި އަމާޒުކޮށްފައިވަނީ މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް (ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅު މީގެ ތެރޭގައި ނުހިމެނޭނެ)
● އެއް މިލިއަން ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް -/200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެ
● އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތެއްގައި، ބޮލަކަށް -/200،000 ރުފިޔާގެ މަގުން، އެއް މިލިއަން ރުފިޔާއާ ހަމައަށް، ލޯނުގެ އިކުއިޓީ ޕޭމަންޓްގެ ގޮތުގައި ހަމަޖައްސައިދޭނެ. ނަމަވެސް މި އުޞޫލު ހިނގާނީ މާލޭގެ ބިންތަކަށް އެކަނި.
● ކުރެހުމާއި ބީއޯކިއުއަށް ބަލައި އެއް މިލިއަނަށް ވުރެ މަތިން ލޯނު ނެގި ނަމަވެސް ސަރުކާރުން ދޭ އެހީގެ އެންމެ މަތީ އަދަދަކީ ބޮލަކަށް -/200،000 ރުފިޔާ
ހައުސިން މިނިސްޓްރީން ވަނީ އެއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
● އެފޯޑަބަލް ހައުސިން: ޕީ.ޕީ.ޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް -/250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެ. އެއީ 2024 ގެ "'ހިޔާވަހި" ސްކީމާ ވަކިން ހިންގޭ ސްކީމެއް.
● މާކެޓް ރޭޓް ޔުނިޓްސް: ރިއަލް އެސްޓޭޓް އުސޫލުން މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް -/250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރެވޭނެ.
● މި އެހީގެ ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށް. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭނެ އެވެ.
މި ލޯނު މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ބޭނުންކުރަން ޖެހުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.