އެޗްޑީސީން މިއަދު ބުނީ ހުޅުމާލޭގެ ފްލެޓްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިންތައް ގަވާއިދާ އެއްގޮތަށް ހުރިތޯ ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެންބަރު 30 ގެ ނިޔަލަށް އެ ފުރުސަތު ހުޅުވާލުމުން 1,011 ފަރާތަކުން ވަނީ އެކަމަށް އެދިފައި ކަމަށެވެ.
މިހާތަނަށް 220 އެޕާޓްމަންޓެއްގެ ޖުމުލަ 273 ކުޑަދޮރުގައި ވަނީ ރެއިލިން ހަރުކޮށްފައިވާ ކަމަށާއި، އަދި އެހީއަށް އެދިފައިވާ އެހެން އެޕާޓްމަންޓްތަކުގެ މަސައްކަތް ވެސް މެދުކެނޑުމެއް ނެތި މިހާރު ދަނީ ބާރަށް ކުރިއަށްކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ، އެ ކުންފުނީގެ ބެލުމުގެ ދަށުގައިވާ ހުރިހާ އިމާރާތްތަކާއި އާންމު ސަރަހައްދުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިފަދަ އިތުރު މުހިންމު ފިޔަވަޅުތައް ކުރިއަށް އޮތް ތަނުގައިވެސް އަޅަމުން ގެންދާނެ ކަމަށެވެ.
އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އިމާރާތްތަކާއި އެ ނޫންވެސް ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ގިނަ މަސައްކަތްތަކެއް މިހާރުވެސް އަންނަނީ ކުރަމުންނެވެ. އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން ކުރަމުން އަންނަ މި ފަދަ މަސައްކަތްތަކުގައި އާންމުން ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފަ އެވެ.