މިދިޔަ ބުރާސްފައްޗާއި ހުކުރު ދުވަހު ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ދަނޑުވެރިންނަށް ހާއްސަކޮށްގެން ނަމާދުކުރާ ގެއެއް ބިނާކުރުމާއި ދަނޑުވެރިކަމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް އޮތެވެ.
މި ރަސްމިއްޔާތުގައި "ގްރޯ ވިތު އުރީދޫ" ބްރޭންޑް އެމްބަސެޑަރު އަދި އައްޑޫގެ ފާހަގަކޮށްލެވޭ ދަނޑުވެރިޔާ އަބްދުﷲ ރަމްޒީ ވެސް ބައިވެރިވި އެވެ. ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އަލީގައި، އަމިއްލަ ނާސަރީއެއް ހިންގަމުން ގެންދާ ރަމްޒީއަކީ ގަސް ހެއްދުމާއި ދަނޑުވެރިކަމަށް އާންމުން ޝައުގުވެރިކުރުވުމުގައި ނަމޫނާ ދައްކަމުން ގެންދާ މީހެކެވެ.
"ގްރޯ ވިތު އުރީދޫ" އަކީ ދެމެހެއްޓެނިވި ދިރިއުޅުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމުގެ ގޮތުން، އުރީދޫގެ އިޖުތިމާއީ ޒިންމާގެ ދަށުން މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
އައްޑޫ މީދޫގެ އިޖުތިމާއީ ވަސީލަތްތައް ހަރުދަނާ ކުރުމަށާއި ރަށް ފެހިކުރުމުގެ ހަރަކާތްތަކުގެ އިތުރުން، އެ ރަށުގެ ދަނޑުވެރިންނަށް އެ ކުންފުނިން ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ، އެ ކުންފުނީގެ ހިދުމަތް ލިބޭ ރަށްރަށުގެ ކުރިއެރުމަށާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމުގައި ބައިވެރިވުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކެކެވެ.