ފުލުހުން ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޓްރެފިކަށް ބަދަލު ގެނެސް، މަގު ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެންނެވެ.
އެހެންކަމުން، މަގު ބަންދުކުރުމުގެ ކުރިން ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ދެމެދު ޕާކުކޮށްފައި ހުރި އެންމެހައި އެއްގަމު އުޅަނދުތައް ނަގައި، އެ ސަރަހައްދު އެއްކޮށް ހުސްކޮށްދިނުމަށް ފުލުހުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
އެ ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރާ މީހުންނަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށާއި، އެފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މަރާމާތުކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. އެއީ މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ފުޅާކުރުމާއި ތާރުއަޅައިގެން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެހެން ފަރުމާކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.