ފުލުހުން ބުނީ، ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ގޭގެ ކޮޓަރިއެއްގައި ހުރި އޭސީއެއްގައި ރޯވެގެން ކަމަށް ބެލެވޭ ކަމަށެވެ.
އާންމުވެފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެތަަނަށް ވަދެފައި ވަނީ ގޭގެ ދޮރު ހަލާކުކޮށްލައިގެންނެވެ. އަދި މުޅި ތަން އެއްކޮށް އަނދާފައި އޮތްއިރު ފާރުތައް ވެސް ހުރީ ދުމުން ކަޅުވެފަ އެވެ.
ފުލުހުންގެ ހިދުމަތުން ބުނީ މި ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ފަތިހު 04:15 ހާއިރުއެވެ. ރިޕޯޓު ލިބުމާ ގުޅިގެން، ފުލުހުންނާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަދި އެ ރަށު ކައުންސިލް ގުޅިގެން ވަގުތުން ވަނީ އަލިފާން ނިއްވުމުގެ މަސައްކަތް ފަށައިފަ އެވެ. މި ފަރާތްތަކުން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް، ނިއްވާލާފައެވެ.
މި ހާދިސާގައި އެ ގޭގައި ހުރި މީހަކަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބުނު ނަމަވެސް، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.