ads
"ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތް އިއުލާންކުރަނީ: މި ހަރަކާތް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރަސްމާލެ ޑީލު ބާތިލުކުރަން ދެން ހަރަކާތް ކުރިއަށް ދާނެ ކަމަށް - ފޮޓޯ: އަދަދު
"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ހަރަކާތެއް ފަށައިފި
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ކުރިއަށް ގެންދަން ނިންމާފައިވާ މޯލްޑިވްސް ވޯޓާފްރަންޓު އެންޑް މެރީނާ މަޝްރޫއާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް"ގެ ނަމުގައި ގައުމީ ހަރަކާތެއް އިއުލާންކޮށް، ފަށައިފި އެވެ.
Advertisement

މި ހަރަކާތް އިފްތިތާހު ކޮށްދެއްވަމުން ކުރީގެ ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ ވިދާޅުވީ "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތަކީ ރަސްމާލެ ވިއްކާލުމާ ދެކޮޅަށް ވަކިވަކިން އިވެމުން އައި އަޑުތައް އެއްކޮށްލައިގެން ފެށި މަސައްކަތެއް ކަމަށާއި ސަރުކާރުން މިކަން ހުއްޓާލުމާ ހަމައަށް މި ހަރަކާތް ވަރުގަދަކަމާއެކު ދެމި އޮންނާނެ ކަމަށެވެ.

ޒަޔަނިސްޓުންނާއި އެ މީހުންނަށް ބާރުދޭ ފަރާތްތަކަށް ރާއްޖޭގެ ބިމުން އެންމެ ވެލިފުކެެއް ވެސް ދޫކޮށްލެވިގެން ނުވާނެ ކަމަށާއި އަދި ރާއްޖޭގެ ބިމާއި ކަނޑުފަޅު ދޫކުރެވެނީ ރައްޔިތުންގެ ބައިވެރިވުމާއި ހިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުންނަށް މަންފާ ކުރާ ގޮތެއްގެ މަތިން ކަމަށް އިމްރާން ވިދާޅުވި އެވެ. އެކަމާ ދެކޮޅަށް ތެދުވާން ނިންމީ އެ ހަމަތަކާ ދެކޮޅަށް އެ މަޝްރޫއު ހިންގަވަން ނިންމާފައިވާތީ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.

"މާތް ﷲ ގެ ރަހުމަތާ ވާގިފުޅާ އެކު އަޅުގަނޑުމެންނާ އެކު ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް އެބައޮތް. ރައްޔިތުން ތިބީ މި ގޮތަށް މިކަން ކުރިއަށް ދޭކަށް ނޫން. ދިވެހި ތާރީހުގެ ތެރެއިން ފެންނަން އޮތް މުހިންމު މަންޒަރުތަކަށް ބަލާއިރު، ގައުމަށް ހިޔާނާތްތެރިވެ ހައްދާރުވާ ކޮންމެ ފަހަރަކު ފަހަރަކު ދިވެހިން ތެދުވެ ވަނީ ދިވެހި ގައުމު ސަލާމަތްކޮށްފަ." އިމްރާން ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން އަމަލުކުރަމުންދާ ގޮތާ މެދު އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން ދީނީ އިލްމުވެރިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. "ދިވެހިިންގެ ބިން ދިވެހިންނަށް" ހަރަކާތުގެ ބޭނުމަކީ މި ހުރިހާ ފަރާތްތަކެއް އެއްގަލަކަށް އަރުވައި ގައުމީ ފެންވަރެއްގައި މި މަސައްކަތް ހުއްޓުވުން ކަމަށް އިމްރާން ވިދާޅުވި އެވެ.

ސަރުކާރުން ބުނަނީ އީގަލް ހިލްސްއަށް ރަސްމާލެ ވިއްކާލަނީ 99 އަހަރަށް ކަމަށެވެ. ނަމަވެސް އީގަލް ހިލްސް އިން ބުނެފައި ވަނީ ސަރުކާރުން އެ ބުނާ 99 އަހަރުގެ މުއްދަތު ހަމަވުމުގެ ކުރިން ރަސްމާލޭގެ ޕްރޮޕަޓީއެއް ވިއްކާލައިފި ނަމަ ނުވަތަ ހިބައިން ދީފި ނަމަ 99 އަހަރުގެ ކުލީގެ އާ މުއްދަތެއް ފެށޭނެ ކަމަށެވެ. 

"މިތަނުގެ ޕްރޮޕަޓީސްތައް ކުއްޔަށް ދޭނީ ދިވެހިރާއްޖޭގެ ގާނޫނުތަކުގެ ދަށުން 99 އަހަރަށް. އެތަންތަނުގެ ހައްގުތައް ވިއްކައިގެން ނުވަތަ ވާރުތައިން ވެސް އެހެން ފަރާތަކަށް ބަދަލުކޮށްފި ނަމަ 99 އަހަރުގެ އާ ކުލީގެ މުއްދަތެއް ފެށޭނެ. މީގެ ސަބަބުން އެތަން ގަންނަ ފަރާތްތަކުގެ އަތުގައި އެތައް ޖީލަކަށް އެތަންތަން ދެމިގެންދާނެ،" އީގަލް ހިލްސް އިން ބުނެފައިވެ އެވެ.

ރަސްމާލެއިން ގަންނަ ޕްރޮޕަޓީތައް ތާއަބަދަށް ދެމިގެންދާނެ ކަމަށް ސަރުކާރުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވި ހައުސިން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވެސް ވިދާޅުވެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް