މި ގަރާރު މަޖލިހަށް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމްއެވެ.
އެ ގަރާރު މަޖލީހުން ބޭރުކޮށްލީ ވެރިކަންކުރާ ޕީއެންސީގެ 45 މެމްބަރުންގެ ވޯޓުން ނެވެ. ގަރާރު ބަަލައިގަންނަން ފެންނަކަމަށް ވޯޓް ދެއްވީ އެމްޑީޕީގެ 10 މެމްބަރުން އެކެންޏެވެ.
މީކައިލް ހުށައެޅި ގަރާރުގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއު ކުރިއަށްދާ ވަރަކަށް ތަފްސީިލީ އުސޫލުތައް އެކުލަވާލާނެ ކަމަށް ބަޔާންކޮށް، ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ އެކު ސޮއިކޮށްފައިވާ އެއްބަސްވުމުގެ ހުރިހާ ތަފްސީލުތައް ހާމަކޮށްފައިނުވާކަމަށެވެ. ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކުމަށް ފަހު އެ ހަރަދު އަނބުރާ ނުލިބޭ ގޮތަށް އެއްބަސްވުންތައް އެކުލަވާލާފައިވާކަމަށްވެސް މީކާއިލް ވިދާޅުވި އެވެ.
އީގަލް ހިލްސް އަށް ރަސްމާލޭން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޭން އުޅެނީ ގޮތް ނޭނގޭ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް އެ ގަރާރުގައި ވެއެވެ. އަދި އެކަމުގެ އެއްބަސްވުން ހާމަ ނުކުރުމުން ދައުލަތުގެ މާލިއްޔަތަށް ގެއްލުން ލިބި، ކޮރަޕްޝަނަށް މަގު ފަހިވެގެންދާ ކަމަށް މީކާއިލް ހުށައެޅުއްވި ގަރާރުގައިވެ އެވެ. އޭގެ އިތުރުން ރައްޔިތުންގެ ފައިސާ އިން ބިން ހިއްކުމަށް ފަހު، ދިޔަ ހަރަދު ވެސް ނުލިބޭ ގޮތަށް އެ ތަން އީގަލް ހިލްސް އަށް ދޫކޮށްލަން ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ކަމަށާއި ރަސްމާލެ ދޫކޮށްލަނީ އެކުއިޒިޝަން ކޮސްޓެއް ނުވަތަ ބިމު ކުލި ނުނަގާ ގޮތަށް ކަމަށާއި ތިން ވަނަ ފަރާތަކަށް ކުއްޔަށް ދިނުމުގެ ހައްގު ވެސް އޮތީ އީގަލް ހިލްސް އަށް ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.