ފިނޭންސް މިނިސްޓްރީން މިއަދު އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ 2 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 38.99 ބިލިއަން ރުފިޔާއަށް އަރާފައެވެ. އެއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.2 އިންސައްތައިގެ އިތުރު އަދަދަކެވެ.
މީގެ ތެރެއިން ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް އެކްސްޕެންޑިޗާ 16.9 އިންސައްތަ އިތުރުވެ 33.68 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ކެޕިޓަލް ހަރަދު ވަނީ 12.0 އިންސައްތަ އިތުރުވެ 5.30 ބިލިއަން ރުފިޔާއަށް އަރާފައިކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދުވެސް އެތައް ގުނައަކުން މައްޗަށް ގޮސްފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން އެ އަދަދު 14.7 އިންސައްތަ އިތުރުވެ 6.15 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސް ހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް 20.28 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. ބިމާއި އިމާރާތް ފަދަ އިންފްރާސްޓްރަކްޗާ ވަސީލަތްތަކަށް ކުރި ކެޕިޓަލް ހަރަދު 10.4 އިންސައްތަ އިތުރުވެ 4.63 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެ ތެރެއިން ބިމާއި އިމާރާތްތަކަށް ކުރި ހޭދަ 35.4 އިންސައްތަ އިތުރުވެފައިވާއިރު، ފާލަންތަކާއި ބަނދަރުތަކަށް ކުރި ހަރަދު ވެސް ވަނީ 20.1 އިންސައްތަ ވަނީ އިތުރުވެފަ އެވެ.
އެހެނިހެން މުހިންމު ރިކަރަންޓް ހަރަދުތަކުގެ ތެރޭގައި ހިމެނޭ އެހީ އާއި ސަބްސިޑީއަށް ކުރި ހޭދަ 34.9 އިންސައްތަ އިތުރުވެ 10.81 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. މީގެ ތެރެއިން ސަބްސިޑީއަށް 4.31 ބިލިއަން ރުފިޔާ އަދި އާސަންދައަށް 1.96 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ކައުންސިލްތަކަށް ދޭ ގްރާންޓްގެ ގޮތުގައި 2.08 ބިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.