ޔޫރަޕްގެ ގޭސް ރައްކާކުރާ މިންވަރު ފާއިތުވި ދިހަ އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ފިނިމޫސުމެއްގައި ދަށަށް ނުދާ މިންވަރަށް މިހާރު ވަނީ ދަށްވެފައެވެ. މީގެ އިތުރުން، މެދުއިރުމަތީގެ ގޭސް ފޯރުކޮށްދިނުމަށް އައިސްފައިވާ ބުރޫތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭހުގެ އަގުތައް އަންނީ އިންތިހާއަށް އުފުލެމުންނެވެ.
ސްޕޮޓް މާކެޓްގައި އެލްޕީޖީ (ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް) ގެ ޕްރީމިއަމް އަގުތައް މައްޗަށް ދިއުމާ ގުޅިގެން، ހަކަތައިގެ ބާވަތްތަކުގެ އަގު ދުނިޔޭގެ ފެންވަރުގައި ވަނީ ބޮޑުވެފަ އެވެ. މެދުއިރުމަތިން ގޭސް ސަޕްލައިކުރުމަށް ދިމާވެފައިވާ ހުރަސްތަކާއެކު، ބާޒާރުގައި ގޭސް ލިބުން ދަތިވެ އަގުތައް އިތުރަށް އުފުލިގެންދާނެ ކަމަށް ވަނީ ލަފާކުރެވިފަ އެވެ.
ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގުތައް މައްޗަށް ދިއުމުގެ އަސަރު ދިވެހިރާއްޖެއަށްވެސް ކުރާނެއެވެ. ރާއްޖެއަކީ ބޭރު ގައުމުތަކުން އެތެރެކުރާ ހަކަތައަށް ބަރޯސާވާ ގައުމަކަށްވުމުން، ދުނިޔޭގެ ބާޒާރުގައި އެލްޕީޖީ އަދި ގޭހުގެ އަގުތައް އުފުލުމަކީ ރާއްޖެއަށް އެތެރެކުރާ ގޭހުގެ އަގު ބޮޑުވެ، އާންމު ދިރިއުޅުމުގެ ހަރަދުތަކަށް އަސަރުކުރާނެ ކަމެކެވެ.
އައިއީއޭގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2027 އާ ހަމައަށް ސަޕްލައިގެ ދަތިކަން ދެމިއޮންނާނެތީ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އަންނަ މިފަދަ ލޮޅުންތަކުގެ އަސަރު ކުޑަކުރުމަށް ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުން ތައްޔާރުވުން މުހިންމެވެ.