ތައުލީމީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު، ގޭގައި ތިބެގެން ކުދިންނަށް އުނގަންނައިދިނުމަކީ މިހާރު ދުނިޔޭގެ ގިނަ ޤައުމުތަކެއްގައި މާ ބޮޑަށް ފެތުރެމުންދާ ކަމެކެވެ.
މިގޮތުން، ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) ގައި ބެލެނިވެރިން އިންޓަނެޓް މެދުވެރިކޮށް ގޭގައި ކިޔަވައިދިނުމާ ގުޅޭގޮތުން ކުރާ ހޯދުންތައް ނުވަތަ އޮންލައިން ސާޗް އިންކުއަރީސް ވަނީ 118 އިންސައްތައަށް އުފުލިފަ އެވެ. މިއީ ޔޫކޭގެ ބެލެނިވެރިންގެ މެދުގައި ގޭގައި ކިޔަވައިދިނުމަށް އޮތް ޝައުޤުވެރިކަން ކުއްލިއަކަށް އިތުރުވެގެން ދިޔަކަން ހާމަކޮށްދޭ ކަމެކެވެ.
ޔޫކޭގެ އިތުރުން، އުތުރު އެމެރިކާއާއި އޭޝިއާގެ ގައުމުތަކުގައިވެސް ގޭގައި ކިޔަވައިދިނުމުގެ ނިޒާމު ދަނީ މެދުކެނޑުމެއްނެތި ފުޅާވަމުންނެވެ. މި ސަރަޙައްދުތަކުގައި ހޯމްސްކޫލިންގް ކުރިއަރައި ދިއުމުގެ މައިގަނޑު ސަބަބަކީ ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްތައް އިތުރުވެ، އެ ތަކެތީގެ އެހީގައި އުނގެނުމުގެ ފުރުސަތުތައް ފަހިވެގެން ދިއުމެވެ.
2026 ވަނަ އަހަރުގެ މަޢުލޫމާތުތަކަށް ބަލާއިރު، އެކި ސަރަޙައްދުތަކުގައި ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ގޭގައި ކިޔަވައިދިނުން ދަނީ ބާރަށް ކުރިއަރަމުންނެވެ. ލުއިފަސޭހަ ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގޭގައި ކިޔަވައިދިނުން އިތުރުވުމަށް ބޮޑު ބާރަކަށް ވަނީ ވެފަ އެވެ.