ads
ތުޝާރު އަދި އާޔުޝްމާން
އާޔުޝްމާނާއި ތުޝާރަށް ގޭންގުގެ ނަމުގައި އިންޒާރުދިން މީހާ ފަޅާއަރައިފި
ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އާޔުޝްމާން ހުރާނާ އަދި ތުޝާރު ކަޕޫރަށް އިންޒާރުދީ ފައިސާއަށް ޑިމާންޑްކުރި މައްސަލައިގައި އިންޑިއާގެ މުމްބާއީ ފުލުހުންގެ ކްރައިމް ބްރާންޗުން މީހަކު ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބެންގަލޫރުގައި މަސައްކަތްކުރަމުން އަންނަ އުމުރުން 30 އަހަރުގެ އައިޓީ އިންޖިނިއަރެއް ކަމަށްވާ ވައިބަވް މިޝްރާއެވެ. އޭނާއަކީ އިންޑިއާގެ މަޝްހޫރު އައިއައިޓީން ތައުލީމު ހާސިލުކޮށްފައިވާ މީހެކެވެ.

ފުލުހުން ބުނީ މިޝްރާ ތަރިންނަށް މެސެޖުކޮށް އިންޒާރުދީފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ލޯރެންސް ބިޝްނޯއީ ގޭންގުގެ ނަމުގައި މެސެޖުކޮށް، ގޭންގުގެ މެންބަރެއް ކަމަށްވާ ހެރީ ބޮކްސާގެ ނަން ބޭނުންކޮށްގެން އޯޑިއޯ ކްލިޕްތަކެއް ފޮނުވާފައިވެއެވެ. އަދި އޭނާ ވަނީ ތުޝާރު ކަޕޫރުގެ އަތުން ފަސް ކްރޯޑް ރުޕީސް ހޯދުމަށް ޑިމާންޑްކޮށް، އާޔުޝްމާންގެ އަތުން ވެސް ގިނަ އަދަދެއްގެ ފައިސާ ހޯދަން މަސައްކަތްކޮށްފައެވެ.

އިންޒާރުގެ އޯޑިއޯ ލިބުމާ ގުޅިގެން ފުލުހުން ވަނީ އެ އޯޑިއޯގެ ފޮރެންސިކް ތަހުލީލުތަކެއް ހަދައި، ފުލުހުންގެ ރެކޯޑުތަކުގައި ހުރި ހެރީ ބޮކްސާގެ އަސްލު އަޑާ އަޅާކިޔައިފައެވެ. ނަމަވެސް އެ އަޑަކީ ގޭންގުގެ އަސްލު މީހާގެ އަޑު ނޫންކަން ފުލުހުންގެ ތަހުގީގަށް ވަނީ ކަށަވަރުވެފައެވެ. މިއާއެކު މި އޯޑިއޯއަކީ ބިޝްނޯއީ ގޭންގާ އެއްވެސް ގުޅުމެއް އޮތް އެއްޗެއް ނޫންކަން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި ފުލުހުން ބުނީ މިއީ ބޮލީވުޑްގައި މިހާރު އޮތް ބިރުވެރި މާހައުލުގެ ނާޖާއިޒު ފައިދާ ނަގައިގެން ފައިސާ ހޯދަން އަމިއްލައަށް ރާވައިގެން ހިންގި އަމަލެއް ކަމަށެވެ. އަދި ހައްޔަރުކުރި އިންޖިނިއަރާ ގޭންގާ ދެމެދު އެއްވެސް ގުޅުމެއް އޮތް ކަމުގެ ހެއްކެއް މިހާތަނަށް ފެނިފައި ނުވާ ކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން މިޝްރާ ހޯދައި ހައްޔަރުކޮށްފައިވަނީ އިންޓަނެޓްގެ ޒަރީއާއިން އޭނާގެ ޑިޖިޓަލް ހަރަކާތްތަކާއި އައިޕީ އެޑްރެސް ޓްރެކްކޮށްގެންނެވެ. އޭނާ އިތުރު އެހެން ފަންނާނުންނަށް މިފަދަ އިންޒާރުތަކެއް ދީފައިވޭތޯ ބެލުމަށް ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ހިންގަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް