ads
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު
ޝާހިދުގެ އިސްތިއުނާފު ހައިކޯޓަށް ބަލައިގެންފި
އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ކުރި އަމުރު، ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި ހުށަހެޅުން އެ ކޯޓަށް ބަލައިގެންފިއެވެ.
Advertisement

ހައިކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދަށު ކޯޓުން ޖެހި 30 ދުވަހުގެ ބަންދުގެ މުއްދަތު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ ހަފްތާގަ އެވެ. އެ މައްސަލަ ހައިކޯޓުގައި މިހާރު ރަޖިސްޓްރީކޮށްފައި އޮތްނަމަވެސް، މައްސަލަ ފަށާނެ އިރެއް ނޭނގެ އެވެ.  

ފުލުހުންގެ ސްޕޯކްސްޕާސަން އަޙްމަދު ޝިޔާމް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އެ އަމުރާ ގުޅިގެން ޝާހިދު މިހާރު ހުންނެވީ ދޫނިދޫ ކަސްޓޯޑިއަލްގަ އެވެ.

ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސް ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން، މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. އެގޮތުން، އެއީ އޭނާގެ ޝަޚުސު ކަތިލުމަށް ސިޔާސީ މަގުސަދެއްގައި ފަތުރަމުންދާ އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެފަދަ ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި، އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ހިމެނޭހެން 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ގައުމީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރައްވާފައިވާ ސިޔާސީ ބޭފުޅެކެވެ. އޭނާ ހައްޔަރުކޮށްފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރެއްވުމަށް ކެމްޕޭން ކުރައްވަމުން ގެންދަވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް