އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ހައުސިން ޔުނިޓުތަކުގެ އުސޫލުތަކާއި ޤަވާއިދުތަކާ ހިލާފުވެގެން، މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 92 މައްސަލައެއް ރެކޯޑުކުރެވިފައިވާކަމަށެވެ.
އެންމެ ގިނައީ ހުއްދަނެތި ތަނަށް ބަދަލު ގެނައުމުގެ މައްސަލަތައްކަމަށް އެފްޑީސީން ބުނެ އެވެ. އެގޮތުން އެފަދަ 44 މައްސަލައެއް ފާހަގަކުރެވިފައިވާއިރު، އޭގެ ތެރެއިން 14 ފަރާތަކަށް ވަނީ ޖޫރުމަނާކޮށް އެއް ފަރާތަކަށް އިންޒާރުގެ ނޯޓިސް ވަނީ ފޮނުވާފައިވާކަމަށް އެފްޑީސީން ބުނެއެވެ. އަދި ހުއްދަނެތި ބަދަލު ގެނައުމުގެ މައްސަލަތަކުގެ 39 މައްސަލައެއް މިހާރުވެސް ބަލަމުން އަންނަކަމަށްވެސް އެފްޑީސީން ބުނެ އެވެ.
ދެން އެންމެ ގިނައީ ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކުރި މައްސަލަތައްކަމަށް އެފްޑީސީން ބުނެ އެވެ. އެގޮތުން އެފަދަ 18 މައްސަލައެއް ފާހަގަކުރެވިގެން، 7 ފަރާތެއް ޖޫރިމަނާކޮށް، 2 ފަރާތަކަށް ވަނީ އިންޒާރުގެ ނޯޓިސް ފޮނުވާފައިކަމަށް އެފްޑީސީން ބުނެއެވެ. އަދި ހުއްދަނެތި ޔުނިޓުތައް ކުއްޔަށް ދޫކުރި 9 މައްސަލައެއް މިވަގުތުވެސް ތަހުގީގުކުރަމުން އަންނަކަމަށް އެފްޑީސީން ބުނެ އެވެ.
އާންމު ތަންތަނަށް ގެއްލުން ދިނުމުގެ 16 މައްސަލައެއްވެސް ރިކޯޑް ކުރެވިފައިވާކަމަށް އެފްޑީސީން ބުނެ އެވެ. އެގޮތުން އެ އަމަލު ހިންގި ފަސް ފްލެޓަކަށް އިންޒާރުދީ 11 ފެލެޓެއްގެ މައްސަލަ ބަލަމުން އަންނަކަމަށް އެފްޑީސީން ބުނެ އެވެ.
ޔުނިޓުތަކުގެ ކުލި ދެއްކުމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 4 ވަނަދުވަހުގެ ނިޔަލަށް ޖުމްލަ 34432 ހައުސިން ޔުނިޓަކުން ދަނީ ޤަވާއިދުން ކުލި ދައްކަމުންކަމަށް އެފްޑީސީން ބުނެ އެވެ. މިއީ އޭގެ ކުރީ މުއްދަތުގައި ކުލި ދައްކަމުންދިޔަ 3،362 ޔުނިޓާ އަޅާބަލާއިރު ދެ އިންސައްތައިގެ ކުރިއެރުމެއްކަން އެފްޑީސީން ފާހަގަކުރެއެވެ. އަދި ފައިސާ ނުދައްކައި ހުރި ޔުނިޓުތަކުގެ އަދަދު ވަނީ 564 ޔުނިޓުން 495 ޔުނިޓަށް ދަށްކުރެވިފައިކަަމަށްވެސް އެފްޑީސީން ބުނެއެވެ.
ކުނި އެޅުމުގެ ގަވައިދާ ހިލާފުވި 4 މައްސަލައިގެ ތެރެއިން 2 ފަރާތެއް ޖޫރިމަނާކޮށް، ބާކީ 2 މައްސަލަ ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އެފްޑީސީން ވަނީ ބުނެފައެވެ.
އެފްޑީސީން ބުނީ އެ ކޯޕަރޭޝަނުގެ މައިގަނޑު އަމާޒަކީ އެންމެހައި ރައްޔިތުންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ދިރިއުޅުމުގެ މާހައުލެއް ކަށަވަރުކޮށް ދިނުންކަމަށެވެ. އެހެންކަމުން މުޖުތަމަޢުގެ އާންމު މަސްލަހަތާއި ހަމަޖެހުން ދެމެހެއްޓުމަށާއި، އިމާރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކަނޑައެޅިފައިވާ އުސޫލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތާ، އެންމެހައި ފަރާތްތަކުން އެއްބާރުލުން ދިނުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފަ އެވެ.