ads
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް
އައްޑޫ ހޮސްޕިޓަލްގެ ކޮރަޕްޝަން މައްސަލަ: 4 މީހަކަށް ދައުވާކުރަން ފޮނުވައިފި
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް، ލެބޯޓަރީ ކޮންޒިއުމެބަލް އައިޓަމެއް ކަމަށްވާ މައިކްރޯޕިޕެޓް ޓިޕްތަކެއް، މާކެޓުގައި ލިބެންހުރި އަގަށްވުރެ ބޮޑު އަގުގައި ހޯދާފައިވާ މައްސަލައިގައި، އެ ހޮސްޕިޓަލްގެ ހަތަރު މުވައްޒަފެއްގެ މައްޗަށް ޖިނާއީ ދައުވާ އުފުލައިދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
Advertisement

ދައުވާކުރުމަށް ފޮނުވާފައިވަނީ އޭއީއެޗްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވެހުރި މުހައްމަދު ސާއިން އަހުމަދާއި، ބިޑު ކޮމިޓީގެ ޗެއާޕާސަން އަޒީމް ލަތީފާއި، ބިޑް ކޮމިޓީގެ މެންބަރުން ކަމަށްވާ އަބްދުﷲ ވަހީދު އަދި ޑރ. ފާތިމަތު އަމާނީ ނަސީރުގެ މައްޗަށެވެ.

އޭސީސީން ބުނީ މި މައްސަލަ ފެންމަތިވީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި އެ ހޮސްޕިޓަލުގެ ދަށުން ހިންގާ ހެލްތު ސެންޓަރުތަކަށް 4 މަސްދުވަހަށް ބޭނުންވާ ލެބޯޓަރީ ކޮންޒިއުމެބަލްސް ހޯދުމަށް ކުރި އިއުލާނަކާ ގުޅިގެން ކަމަށެވެ. އެ އިއުލާނުގައި ހިމެނޭ ތަކެތީގެ ތެރެއިން 40,000 މައިކްރޯޕިޕެޓް ޓިޕް ހޯދުމަށް އިއުލާނުކުރުމުން ބީލަން ހުށަހަޅާފައިވަނީ އެންމެ ފަރާތަކުންނެވެ. އަދި އެ ފަރާތުން ހުށަހެޅި އަގަކީ އެކަށީގެންވާ އަގެއްތޯ ބެލުމެއް ނެތި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ހިލާފަށް އެ ތަކެތި ހޯދާފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.

މި މައްސަލައިގައި ހިމެނޭ ހަތަރު މުވައްޒަފުންގެ މައްޗަށް ކޮށްދިނުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެއިތުރުން، މި މުއާމަލާތުގެ ސަބަބުން ދައުލަތަށް ގެއްލުނު ފައިސާގެ އަދަދު ހިސާބުކޮށް، ގަވާއިދާ ހިލާފަށް އަމަލުކުރި މުވައްޒަފުންގެ އިދާރީ މައްސަލަ ބެލުމަށް ވެސް އޭސީސީން ވަނީ ނިންމައިފަ އެވެ. އަދި އެ ފަރާތްތަކުން އަނބުރާ ދައްކަންޖެހޭ ފައިސާގެ އަދަދުތައް ކަނޑައަޅައި، އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަށް އެންގުމަށް ވެސް ވަނީ ނިންމައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް