މިއަދު ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ނުވަތަ ތިން އަހަރު ދުވަހުގެ ތެރޭގައި މަޝްވަރާކޮށްގެން ގޮތްތަކެއް ނިންމަންޖެހޭ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ޓެކްސްތައް ދިވެހި ރުފިޔާއިން ދެއްކޭނެ އިންތިޒާމު ހަމަޖެހެންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޑޮލަރުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ރިސޯޓުތައް ވެސް އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ، ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު، ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ.
އެހެންކަމުން ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރަކީ ވެސް ގައުމުގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ އެއްޗެއް ކަމަށާއި، އެކަން ކަށަވަރުކުރުމަށްޓަކައި އެމްއެމްއޭއިން މިހާރު ވަރަށް ބޮޑަށް މޮނިޓާކުރަމުން އަންނަ ކަމަށް ވެސް ގަވަރުނަރު ވިދާޅުވި އެވެ.