ޚަބަރުތައް ބުނާގޮތުން ޖެންސަން ހުއާންގް ސީއީއޯގެ މަގާމުން ވަކިކުރުމަށް ބޯޑުން ކުއްލި ގޮތަކަށް ސީރިއަސް މަޝްވަރާތަކެއް ފަށާފައިވަނީ، އޭނާގެ އަމިއްލަ މައްސަލަތަކެއްގެ އިތުރުން، އެންވީޑިއާއިން އުފައްދާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗިޕްތައް ފޮނުވުމާ ގުޅިގެން ޤައުމީ ސަލާމަތަށް ހުރި ނުރައްކާތަކާ ބެހޭގޮތުން ކަމާބެހޭ އިދާރާތަކުން ޚާއްޞަ ފާރަވެރިވުމެއް ފަށައި، ބަލަންޖެހޭ ބެލުންތައް ބަލަމުންދާ ދަނޑިވަޅެއްގައެވެ.
މި ސީރިއަސް ޚަބަރު އާންމުވުމާ ގުޅިގެން ހިއްސާގެ ބާޒާރުގައި އެންވީޑިއާއަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކޮށްފައެވެ. އެގޮތުން ބާޒާރު ބަންދުކުރުމަށްފަހު ކުރިއަށްދިޔަ 'އާފްޓަރ-އަވާސް' ޓްރޭޑިންގްގައި އެ ކުންފުނީގެ މާކެޓް ވެލިއު ނުވަތަ ކުންފުނީގެ މާލީ އަގު ވަނީ ގާތްގަނޑަކަށް އަށް އިންސައްތައަށް ދަށަށް ގޮސްފައެވެ.
އެންވީޑިއާގެ ކޯ-ފައުންޑަރ އަދި ސީއީއޯ ޖެންސަން ހުއާންގް މަގާމުން ވަކިކުރުމުގެ މަޝްވަރާތައް ބޯޑުން ކުއްލި ގޮތަކަށް ކުރިއަށްގެންދިއުމަކީ މުޅި ޓެކްނޮލޮޖީ ދާއިރާއަށް އަދި މާކެޓަށް ބޮޑު ސިއްސައިގެން ދިޔުމެއް ގެނުވި ކަމެކެވެ. މިއާއެކު އޭއައި ޓެކްނޮލޮޖީގެ ބާޒާރުގައި އެންމެ ކުރީގައި އުޅޭ އެންވީޑިއާގެ ކުރިމަގާމެދު އިންވެސްޓަރުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކާއި ނުތަނަވަސްކަން އުފެދިފައެވެ.