2027 ވަނަ އަހަރުގެ ބަޖެޓު އަމާޒު ހިފާފައިވަނީ މާލީ ހަމަޖެހުން ޤާއިމުކުރުމާއެކު، 2040 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްގީވެފައިވާ ޤައުމަކަށް ހެދުމުގެ ބިންގާ އެޅުމަށެވެ. އެހެންނަމަވެސް، އެއްފަރާތުން ދަރަނި އަނބުރާ ދެއްކުމުގެ ބުރަ ކުޑަކުރެވުނު ކަމުގައި ވިޔަސް، އަނެއްފަރާތުން ބޮޑުވަމުން އަންނަ ހަގީގީީ ހަރަދުތަކާއި، އަދިވެސް މަތީ މިންވަރެއްގައި ހުރި ޖުމްލަ ދަރަންޏާއި ޑެފިސިޓް ފޫބެއްދުމުގެ ގޮންޖެހުންތަކަކީ މި ބަޖެޓުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަހުސެވެ.
މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި 59.7 ބިލިއަން ރުފިޔާގެ (ގާތްގަނޑަކަށް 3.9 ބިލިއަން އެމެރިކާ ޑޮލަރު) ބަޖެޓަކީ، 2026 ގެ އިސްލާހުކުރެވުނު 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ އަޅާބަލާއިރު ގާތްގަނޑަކަށް 7 އިންސައްތައިގެ ދަށްވުމެކެވެ. މިއީ ބަލާބެލުމަށް ބަޖެޓުގެ ޖުމްލަ ހަރަދު ކުޑަކުރެވުނު ކަމުގެ ނިޝާނެއް ކަމުގައި ފެނުނު ނަމަވެސް، މި ދަށްވުމުގެ އަސްލަކީ ދަރަނީގެ އަސްލު ފައިސާ (ޕްރިންސިޕަލް) އަނބުރާ ދެއްކުމަށް ކުރަންޖެހޭ ހޭދަ 2026 ގެ 11.7 ބިލިއަން ރުފިޔާއިން 2027 ގައި 4.5 ބިލިއަން ރުފިޔާއަށް ތިރިވުމެވެ.
ހަގީގީ ނަމްބަރުތަކަށް ބަލާއިރު، ދައުލަތުގެ އާންމު ހިންގުމާއި ތަރައްގީގެ މަޝްރޫއުތަކަށް ހިނގާ ޖުމްލަ ހަރަދު ވަނީ 52.6 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރޭގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 42.7 ބިލިއަން ރުފިޔާ ހިމެނޭއިރު، މިއީ ދައުލަތުގެ މުސާރައާއި އިދާރީ ހިންގުމުގެ ހަރަދުތައް ކުރީ އަހަރެކޭ އެއްވަރެއްގައި ހިފެހެއްޓިފައިވާ މިންވަރެކެވެ. ނަމަވެސް، 2026 ގައި ހިފެހެއްޓުންތަކެއް ގެންގުޅުނު ކެޕިޓަލް ހަރަދު ވަނީ 45 އިންސައްތައިގެ ބޮޑު ކުރިއެރުމަކާއެކު 9.9 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. މިގޮތުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅައި، މިހާރު ހިނގަމުންދާ މަޝްރޫޢުތަކުގެ 70 އިންސައްތަ ނިންމުމަށް އަމާޒު ހިފާފައިވުމަކީ އިގްތިސާދީ ދުވެލި ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަ ކޮށްލެވެއެވެ.
އާމްދަނީގެ ސިޔާސަތު:
2027 ވަނަ އަހަރަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު، މީގެ ތެރެއިން 33.6 ބިލިއަން ރުފިޔާއަކީ ޓެކްސް އާމްދަނީއެވެ. މި ބަޖެޓުގެ ފާހަގަކޮށްލެވޭ އެއް ސިޔާސަތަކީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ މައްޗަށް އައު ޓެކްސްތަކެއް ތަޢާރަފުކުރުމުގެ ބަދަލުގައި، ނުވަތަ ޓެކްސް ރޭޓުތައް އިތުރަށް މަތިކުރުމުގެ ބަދަލުގައި، ޓެކްސް އިދާރީ ނިޒާމު ހަރުދަނާކުރުމަށް އިސްކަންދީފައިވުމެވެ.
މި ސިޔާސަތުތައް ހާސިލްކުރުމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިންގުން ޒަމާނީކޮށް، ޓެކްސް ދެއްކުމުން ރެކިގަންނަ ފަރާތްތައް ދެނެގަނެ، ޓެކްސް ބޭސް ފުޅާކުރުމަކީ އިޤްތިޞާދީ ހަމަޖެހުމަށް ބޭނުންތެރި ކަމެކެވެ. މިއީ ވިޔަފާރިތަކަށް އިތުރު ބުރައެއް ނުޖައްސައި، އާމްދަނީ އިތުރުކުރުމަށް ގެންގުޅޭ ދެމެހެއްޓެނިވި ވިސްނުމެކެވެ. އެހެންނަމަވެސް، ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް އަދިވެސް ފަތުރުވެރިކަމުގެ ދާއިރާއަށް ބިނާވެފައި އޮތުމަކީ ބޭރުގެ ލޮޅުންތަކުގެ ސަބަބުން އާމްދަނީ ލިބުމުގައި ހުރަސްތަކެއް ކުރިމަތިވެދާނެ ކަމެކެވެ.
ބަޖެޓަށް ދިމާވާނެ އެއްމެ ބޮޑު އެއް ގޮންޖެހުމަކީ ޑެފިސިޓާއި، ކުރިއަށް އޮތް ދަރަނީގެ ބައިތައް އަދާކުރުމަށްޓަކައި 18.9 ބިލިއަން ރުފިޔާގެ ފައިނޭންސިންގ ހޯދަންޖެހުމެވެ. ދައުލަތުގެ ޖުމްލަ ދަރަނި، ސަރުކާރުގެ ގެރެންޓީތަކާއެކު 161.3 ބިލިއަން ރުފިޔާގައި ހުރިއިރު، މިއީ ޖީޑީޕީގެ ނިސްބަތުން 124.5 އިންސައްތައެވެ. 2026 ގެ 128.8 އިންސައްތައާ އަޅާބަލާއިރު މިއީ ކުޑަ ދަށްވުމެއް ނަމަވެސް، ބައިނަލްއަގްވާމީ މިންގަނޑުތަކުން ބަލާއިރު މިއީ ނުރައްކާތެރި މިންވަރެކެވެ. އެތެރޭގެ ބޭންކިންގ ނިޒާމުން ފައިސާ ހޯދުމުގެ ޖާގަ ހަނިވެފައިވުމާއި، ބައިނަލްއަގްވާމީ ބާޒާރުގައި އިންޓްރެސްޓް ރޭޓުތައް މަތީގައި ހުރުމަކީ މި ފައިނޭންސިންގ ހޯދުމަށް ސަރުކާރަށް އޮތް ބޮޑު އިމްތިހާނެކެވެ.
ބޭރުގެ މާލީ އިދާރާތަކާއި، މަރުކަޒީ ބޭންކުގެ ނަޒަރު
މަރުކަޒީ ބޭންކް (އެމްއެމްއޭ) އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތައް ކަމަށްވާ އައިއެމްއެފް އަދި ވޯލްޑް ބޭންކުން އަބަދުވެސް ބާރުއަޅަމުންދަނީ ފިސްކަލް ކޮންސޮލިޑޭޝަން، ނުވަތަ ހަރަދު ކުޑަކޮށް މާލީ ދުޅަހެޔޮކަން އިތުރުކުރުމަށެވެ. 2026 ގެ ސުކޫކް ދެއްކުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވެ، ބޭރުގެ އިތުބާރު ހޯދުމަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އެހެންނަމަވެސް، 2027 ގެ ބަޖެޓުގައި ޕީއެސްއައިޕީ ހަރަދުތައް ބޮޑުތަނުން އިތުރުކުރުމަކީ ބޭރުގެ ފަރާތްތަކުން ފަރުވާތެރިކަމާއެކު ބަލަމުންދާނެ ކަމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމެޓީގައި ވާހަކަ ދައްކަަވަމުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވަނީ ދައުލަތުން ދުވަހުންދުވަހަށް ކުރާ ރިކަރެންޓް ހަރަދުތައް ހަމަޖެެއްސުމަށް ދަަރަނި ނެގުމަކީ އިގުތިސާދަށް ރަނގަޅުކަމެއް ނޫން ކަމަށް ވިދާޅުވެ، އެމްއޭގެ ލަފާއަރުއްވާފައެވެ.
ދައުލަތުގެ ހަރަދުތައް އިތުރުވަމުންދާއިރު، ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށާއި ދިވެހި ރުފިޔާގެ އަގު ހިމާޔަތްކުރުމަށް އެޅޭ ފިޔަވަޅުތައް ހަރުދަނާވާންޖެހެއެވެ. ސަބްސިޑީތައް އޭގެ ހައްގުވެރިންނަށް އެކަނި ލިބޭނެހެން ޓާގެޓްކުރުމާއި، ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމަށް ރޭވިފައިވާ ސިޔާސަތުތައް ފުރިހަމައަށް ތަންފީޒުނުކުރެވިއްޖެނަމަ، ޑެފިސިޓް ފޫބެއްދުމަށް އިތުރަށް ދަރަނި ނަގަން މަޖުބޫރުވާނެއެވެ.
2040 ގެ ތަސައްވުރާއި ހަގީގީ ގޮންޖެހުންތައް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ 2040 ގެ ތަސައްވުރަކީ ދިވެހިރާއްޖެ ޑިޖިޓަލް، ތިމާވެއްޓާ ރައްޓެހި، އަދި މަތީ އާމްދަނީ ލިބޭ ތަރައްޤީވެފައިވާ ގައުމަކަށް ހެދުމެވެ. މި ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އުމްރާނީ ވަސީލަތްތަކަށާއި އިންސާނީ ވަސީލަތްތަކަށް ކުރަންޖެހޭ އިންވެސްޓްމަންޓްތައް ބޮޑެވެ. 2027 ވަނަ އަހަރުގެ ބަޖެޓަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ ބިންގަލެއްގެ ގޮތުގައި ސަރުކާރުން ދެކޭ މައިގަނޑު ސަބަބަކީވެސް، ދަރަނީގެ ނުރައްކާތަކުން ސަލާމަތްވެ ތަރައްގީގެ މަޝްރޫއުތައް އަލުން ހަލުވި ދުވެއްޔަކަށް ގެނައުމަށް މަސައްކަތްކޮށްފައިވުމެވެ.
މި މަޤްސަދު ހާިސިލުކުރެވޭނީ ކަރުދާހުގައި ލިޔެވިފައިވާ އަންދާޒާތަކާއި ހަމަތައް އަކުރުން އަކުރަށް ތަންފީޒުކުރެވިގެންނެވެ. ހަރަދުތައް ހަމަޖެއްސުމުގައި އިސްރާފު ކުޑަކުރުމާއި، ކަނޑައެޅިފައިވާ މަޝްރޫއުތައް ވަގުތަށް ނިންމުމަކީ ކޮންމެހެން ބޭނުންތެރި ޝަރުތެކެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަކީ ދަރަނީގެ ބޮޑު ބުރައަކުން އަރައިގަތުމަށްފަހު، އިޤްތިސާދީ ދުވެލި އައު މިސްރާބަކަށް ގެންދިއުމަށް ކުރެވޭ އުންމީދީ ދަތުރަކަށް ވުމީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ކުރެވޭނެ އުއްމީދެކެވެ. ޖީޑީޕީގެ 124.5 އިންސައްތައިގައި ހުރި ދަރަންޏާއި 9.4 ބިލިއަން ރުފިޔާގެ ޑެފިސިޓަކީ އިގްތިސާދަށް ކުރިމަތިވެފައިވާ ބޮޑެތި ހުރަސްތަކެއް ނަމަވެސް، ހިންގުމުގެ ހަރަދު ހިފަހައްޓައި، އާމްދަނީ އިތުރުކޮށް، އަދި ޕީއެސްއައިޕީ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވިއްޖެނަމަ، މިއީ 2040 ގެ ދުރު ރާސްތާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް އެޅޭ ވަރުގަދަ ބިންގަލަކަށް ވެގެންދިއުމުގެ އުއްމީދު ބޮޑެވެ.