މި މަޝްރޫއުގެ ދަށުން ހޮވާލެވޭ އެސްޓްރޮނޯޓުންނަށް އަހަރީ މުސާރައިގެ ގޮތުގައި ގާތްގަނޑަކަށް 164,000 ޑޮލަރު ލިބޭނެ ކަމަށް އެ މުއައްސަސާއިން ބުންޏެވެ.
މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ޖައްވުގައި ހަރަކާތްތެރިވުމާއި، ސްޕޭސްވޯކް ކުރުމާއި، ރޮބޮޓިކްސްގެ އިތުރުން ހަނދުގެ މާހައުލު ދެނެގަތުމުގެ ހާއްސަ ތަމްރީނުތައް ލިބިގެންދާނެ އެވެ. މިއީ ތާރީހުގައި ހިންގާ އެންމެ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު އެއް ޖައްވީ މިޝަން ކަމަށް ބެލެވެ އެވެ.
ނާސާއިން ބުނިގޮތުގައި މިހާރު މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެއް ނުވެއެވެ. އަދި ކުރިއަށް އަންނަ ހަނދުގެ މިޝަންތަކަށް ހޮވޭ ފަރާތްތަކަށް ސީދާ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ނަމަވެސް، މިއީ އިންސާނިއްޔަތުގެ ކުރިމަގަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން ނާސާގެ އޮފީހުން ބުނީ، މިއީ އިންސާނުން ދުނިޔެއިން ބޭރުގައި ދާއިމީ ގޮތެއްގައި ދިރިއުޅުމުގެ ބިންގާ އެޅުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ޒަމާނުގެ އެންމެ ކުރިއަރާފައިވާ ޖައްވީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މީގެ ސަބަބުން ފަހިވެގެންދާނެ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ކުރިއަށް އޮތް ތަނުގައި މި ޕްރޮގްރާމަށް އެޕްލިކޭޝަން ހުޅުވާލާނެ ކަމަށް ބެލެވޭއިރު، ދުނިޔެއިން ބޭރުގައި އިންސާނުންގެ އާ އާބާދީތައް އުފެއްދުމަށް ކުރާ މަސައްކަތުގައި މި އެސްޓްރޮނޯޓުންގެ ދައުރު ބޮޑުވާނެ ކަމަށް ލަފާކުރެވެ އެވެ. މިކަމުގެ ސަބަބުން ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން އާ އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވެ އެވެ.