ads
ޖޭޑަން ސްމިތު، އުމުރުން 82 އަހަރުގެ ފްރާންސްގެ ފެޝަން ވިޔަފާރިވެރިޔާ މިޝޭލް ލަމީއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނެ އުފައްދާފައިވާ އޭއައި ފޮޓޯއެއް: ފޮޓޯ އިންސްޓަގްރާމް
ވިލް ސްމިތުގެ 28 ދަރިފުޅު އުމުރުން 82 އަހަރުގެ އަންހެނަކާ ހިތާވީތަ؟
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ވިލް ސްމިތުގެ 28 އަހަރުގެ ދަރިފުޅު ޖޭޑަން ސްމިތު، އުމުރުން 82 އަހަރުގެ ފްރާންސްގެ ފެޝަން ވިޔަފާރިވެރިޔާ މިޝޭލް ލަމީއާ ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއްކަން ކަށަވަރުވެއްޖެއެވެ.
Advertisement

އުމުރުން 54 އަހަރުގެ ބޮޑު ތަފާތެއް ހުރި މި ދެ މީހުން އެންގޭޖުވެ، ކައިވެނިކުރަން އުޅޭ ކަމަށް ބުނެ ފާއިތުވި ދުވަސްތަކުގައި އެކްސް އަދި އިންސްޓަގްރާމްގައި ވަނީ ވަރަށް ބޮޑަށް އަޑުފެތުރިފައެވެ. ނަމަވެސް ބައިނަލްއަގުވާމީ ފެކްޓް ޗެކިން އިދާރާތަކުން ވަނީ މިއީ ސަމާލުކަން ހޯދުމަށް އުފައްދައިގެން ފަތުރާ ވާހަކަތަކެއްކަން ހާމަކޮށްފައެވެ.

މި ދޮގު ހަބަރުތައް ވައިރަލްވެގެން ދިޔައީ ދެ މީހުން އެކުގައި އަތުގުޅުވާލައިގެން ތިބޭ މަންޒަރާއި، ލޯބިވެރިންގެ ގޮތުގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯތަކަކާއި ވީޑިއޯތަކެއް އާންމުވުމާ ގުޅިގެންނެވެ. އެހެންނަމަވެސް، ކަމާބެހޭ ފަރާތްތަކުން ކުރި ތަހުގީގުތަކުން އެނގުނު ގޮތުގައި އެ ހުރިހާ ފޮޓޯތަކަކީވެސް އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ ފޭކް ފޮޓޯތަކެކެވެ. މީގެ އިތުރުން، މިޝޭލް އޭނާގެ މުދަލުގެ 80 ޕަސަންޓު ޖޭޑަންއަށް ދޭން ނިންމާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީވެސް އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ.

މި ވާހަކަތަކާ ގުޅިގެން ޖޭޑަން ސްމިތުވެސް އަދި މިޝޭލް ލަމީވެސް އެފަދަ އެއްވެސް ގުޅުމެއް އޮތް ކަމަށް ބުނެފައެއް ނުވެއެވެ. ހަގީގަތަކީ މިޝޭލް ލަމީއަކީ 2006 ވަނަ އަހަރުން ފެށިގެން އެމެރިކާގެ މަޝްހޫރު ފެޝަން ޑިޒައިނަރު ރިކް އޮވެންސްއާ ކައިވެނިކޮށްގެން އުޅޭ މީހެއް ކަމެވެ. އަދި 1990 ގެ އަހަރުތަކުން ފެށިގެން މި ދެމަފިރިން އަންނަނީ ފެޝަން އަދި އާޓްގެ ދާއިރާގައި އެކުގައި ބޮޑެތި ވިޔަފާރިތައް ހިންގަމުންނެވެ.

އެކްޓިން އަދި މިއުޒިކްގެ ދާއިރާއިން މަޝްހޫރުކަން ހޯދާފައިވާ ޖޭޑަން ސްމިތު އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މޮޑެލް ސަބްރީނާ ޒާދާ އާއެވެ. ނަމަވެސް 2024 ވަނަ އަހަރުގެ އޮގަސްޓް މަހު އެ ދެ މީހުން ވަކިވި ފަހުން، ޖޭޑަން އާ ލޯބީގެ ގުޅުމެއް ފެށިކަމުގެ އެއްވެސް ރަސްމީ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

އޭއައި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ވަރަކަށް މަޝްހޫރު ފަންނާނުންނާ ގުޅުވައިގެން މިފަދަ ފޭކް ފޮޓޯތަކާއި ދޮގު ހަބަރުތައް ފެތުރުން މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް