ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު ޕޮލިހާއި، އުނގޫފާރު ޕޮލިހާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، މަލަ / ރ. މާކުރަތު، ތަލްހަތު ނަސީމް (40އ) އާއި ފަލަކު / ރ. މާކުރަތު، އަހްމަދު ޝާފިއު (23އ) އާއި ބަނބުކެޔޮގަސްދޮށުގެ / ރ. މާކުރަތު، އިސްމާއީލް ރަޝީދު (46އ) އެވެ.
ފުލުހުން ބުނީ މި މީހުން އަތުލައިގަތީ ޑިންގީއެއްގައި މާކުރަތަށް ފޭބި ތަނުންކަމަށެވެ. އަދި އެ ތިން މީހުން، ބަނދަރު ސަރަަހައްދުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅަކާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނިފައިވާކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 104 ގުރާމް ހުރިކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތަލްހަތު ނަސީމް 10 ދުވަހަށް އަދި އަހްމަދު ޝާފިއުއާއި އިސްމާއީލް ރަޝީދު ހަތަރު ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.